މިހާރު ކުރިއަށްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހުނު ސްޕެއިން މިރޭ ސައުދީ އަރަބިއްޔާއާ ކުޅެ 4-0 އިން މޮޅުވެއްޖެއެވެ.

މިމެޗުގެ ފުރަތަމަ 30 މިނެޓްގައި ސްޕެއިންއިން ވަނީ ތިން ލަނޑު ޖަހާފައެވެ.

މިގޮތުން، މެޗުގެ 10 ވަނަ މިނެޓްގައި ސްޕެއިންގެ ފުރަތަމަ ލަނޑު ޖަހާ ދިނީ ޒުވާން ވިންގަރު ލަމީން ޔަމާލެވެ. މިއީ އޭނާ ވޯލްޑްކަޕް މެޗެއްގައި ޖެހި ފުރަތަމަ ލަނޑެވެ.

ސްޕެއިންގެ ފުރަތަމަ މެޗުގައި ޔަމާލް ކުޅެން އެރީ ފަހު ހާފްގައި/ފޮޓޯ: އެކްސް

އޭނގެ ފަހުން މެޗުގެ 21 ވަނަ މިނެޓްގައި ލަނޑު ޖެހީ ފޯވަޑް މިކެލް އޮޔާޒަބާލެވެ. މިމުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ކާޕޯ ވާޑޭއާ ކުޅުނު އިރު މެޗުގެ ފުރަތަމަ 30 މިނެޓް ދިޔައީ އޮޔާޒަބާލްގެ ފައިގައި ބޯޅަ ނުޖެހިއެވެ.

އޮޔަޒަބާލް ވަނީ މިމެޗުގައި ދެލަނޑު ޖަހާ އެއް އެސިސްޓް ހަދާފައި/ފޮޓޯ: އެކްސް

އެހެން ނަމަވެސް މިމެޗުގެ ތިން ވަނަ ލަނޑު ވެސް ޖަހާ ދިނީ އޭނާއެވެ. މިލަނޑު އޮޔާޒަބާލް ޖެހީ ފުރަތަމަ ލަނޑު ޖެހިތާ 3 މިނެޓް ފަހުންނެވެ.

ތަފާތު ބޮޑު ސްކޯލައިނެއްގައި އޮވެގެން ސްޕެއިން ފުރަތަމަ ހާފް ނިންމާލި އިރު ދެވަނަ ހާފްގައި ދެން ވެސް ލަނޑެއް ޖެހީ ސްޕެއިނުންނެވެ. މިލަނޑަކީ ސައުދީ އަރަބިއްޔާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ މިމުބާރާތުގައި ބައިކޮޅަށް ވަތް 8 ވަނަ ގޯލެވެ.

މެޗުގައި ސްޕެއިންއިން އިތުރު ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މިރޭ ސްޕެއިންއަށް ލިބުނު 3 ޕޮއިންޓާއެކު އެޓީމު ވަނީ ގްރޫޕް އެޗްގެ އެއްވަނަ އަށް އަރާ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހިކޮށްފައެވެ. ސައުދީން މިރޭ ބަލިވި ނަމަވެސް ފުރަތަމަ މެޗުން އެއްވަރުވެފައި އޮތުމުން ދެވަނަ ބުރަށް ދިއުމުން ފުރުސަތު އަދި ނުގެއްލެއެވެ.