މ. އަތޮޅުގެ ހުރިހާ ރަށެއްގެ އިންޖީނުގެތަކާއި ޔުޓިލިޓީގެ ހިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މީގެ ކުރިން އެ އަތޮޅުގައި ހިދުމަތް ދެމުން ދިޔައީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތްތައް ފެނަކައިން ވަނީ ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކޮށްފައެވެ. އެގޮތުން މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށުގައި ފޯރުކޮށްދެމުންދާ ޔުޓިލިޓީ ހިދުމަތްތައް ހިމެނެއެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެއްބަސްވުމުގައިި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިނެވެ.

ފެނަކައިން ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް ދެމުންގެންދިޔަ ބައެއް އަތޮޅުތައް، ސްޓެލްކޯއަށް ބަދަލުކުރަން ނިންމާފައި ވަނީ މިދިޔަ އޭޕްރީލް މަހުއެވެ. އެގޮތުން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ފޯރުކޮށްދެމުންދިޔަ އެންމެހާ ހިދުމަތްތައް އިއްޔެ ވަނީ ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައި ވެއެވެ. މިއީ ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް، އާންމު ބޭނުންތަކާ ގުޅުންހުރި ހިދުމަތްތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެއް ކަމަށް ވެއެވެ.

ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު

ސްޓެލްކޯއިން މި ވަގުތު ވެސް އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅާއި އއ އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅުގައި މިހާރު ވެސް ޔުޓިލިޓީ ހިދުމަތް ދެމުންނެވެ. ނަމަވެސް މި ބަދަލާ އެކު ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ އަދަދު ޖުމްލަ 61 ރަށަށް ފުޅާވެގެންދާނެއެވެ.

މި ބަދަލު ގެނައުމުގައި ރައްޔިތުންނަށް ދޭ ހިދުމަތަށް އެއްވެސް ބުރޫއެއް ނޭރޭނެކަމުގެ ޔަގީންކަން ސަރުކާރުން މީގެ ކުރިން ދީފައި ވެއެވެ.