ވޯލްޑްކަޕް 2026ގެ ދެވަނަ ބުރަށް ޖާމަނީ މިވަނީ ދަތުރުކޮށްފައެވެ. ދެވަނަ ބުރުގެ ޖާގަ ޖާމަނީ ކަށަވަރު ކުރީ ރޭ އައިވަރީ ކޯސްޓާ ކުޅޭ ފަހަތުން އަރާ 2-1 އިން މޮޅުވެގެންނެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 7-1 އިން ކިއުރެސާއޯ ބަލިކުރި ޖާމަނީއަށް ރޭގެ މެޗު ވެގެން ދިޔައީ އުނދަގޫ މެޗަކަށެވެ. މެޗުގެ 30 ވަނަ މިނެޓްގައި އައިވަރީ ކޯސްޓްގެ ފްރޭންކް ކެސީ ޖެހި ގޯލާއެކު އެޓީމުން ލީޑު ނެގި އިރު މެޗުގެ 68 ވަނަ މިނެޓާ ހަމައަށް ޖާމަނީ އޮތީ ފަހަތުގައެވެ.

މެޗުގެ 68 ވަނަ މިނެޓްގައި އޮއިވަރު ބަދަލުވެގެން ދިޔައީ އެނގެ ފަސް ވަރަކަށް މިނެޓް ކުރިން ކުޅެން އެރުވި ސްޓްރައިކަރު ޑެނިޒް އުންޑާވް ދަނޑަށް އެރި ހިސާބުންނެވެ. މިގޮތުން އޭނާ ވަނީ 68 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ޖާމަނީއާ ޖަހާ އަދި މެޗުގެ އިތުރު ވަގުތުގައި ދެވަނަ ލަނޑެއް ޖަހާ ޖާމަނީއަށް މޮޅެއް ހޯދައިދީފައެވެ. މިމޮޅާއެކު ލިބުނު ތިން ޕޮއިންޓުން ޖާމަނީ ވެގެން ދިޔައީ 48 ޓީމުގެ ތެރެއިން ދެވަނަ ބުރަށް ކޮލިފައިވި ތިން ވަނަ ޓީމަށެވެ.

އުންޑާވް ކުޅެން ފެށީ ފުލްޓައިމްކޮށް ކާރުހާނާއެއްގައި މަސައްކަތްކުރަމުން

އުމުރުން 29 އަހަރުގެ އުންޑާވް ރޭ ޖެހި ދެލަނޑާއެކު އޭނާ ވެގެން ދިޔައީ 2002 ވަނަ އަހަރުން ފެށިގެން ވޯލްޑްކަޕްގައި ޖާމަނީގެ ކުޅުންތެރިއަކު ކުޅުނު ފުރަތަމަ ދެ މެޗުގައި ލަނޑެއް ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި މިރެސްލާވް ކްލޯސޭއާއެކު މި ޝަރަފު ހިއްސާކުރާ އުންޑާވްގެ އުމުރުން 14 އަހަރުގައި ފުޓްބޯޅައިން ކުރިއެރުން ހޯދަން އޮތް އެއް މަގު ބަންދުވެގެން ދިޔައެވެ. އެއީ ޖާމަނީގެ ކްލަބެއް ކަމަށްވާ ވާޑާ ބްރެމިންގެ އެކަޑަމީއިން އޭނާ ދޫކޮށްލުމެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އުންޑާވް ބުނީ އޭނާގެ ހަށިގަނޑު މާ ކުޑަކަމަށް ބުނެ ވާޑާއިން އޭނާ ދޫކޮށްލުމުން ހިތް ކުދިކުދިވެގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް އޭނާ އުއްމީދު ދޫކޮށް ނުލާ އުމުރުން 17 އަހަރުގައި އަމިއްލަ ގެދޮރު ދޫކޮށް ޖާމަނީގެ ހަތަރުވަނަ ލީގުގެ ޓީމަކަށް ކުޅެން ރަށުން ބޭރަށް ދިޔައީ ކަމަށެވެ. ސެމީ ޕްރޮފެޝަނަލެއްގެ ގޮތުގައި އޭނާ ފުޓްބޯޅަ ކުޅުނު ނަމަވެސް ހަފްތާއަކު ލިބެނީ އެންމެ 120 ޔޫރޯ ކަމަށާ ކާން ބޮއި ހަދަން މަސައްކަތެއް ކުރުމުގެ ގޮތުން ކާރުހާނާއެއްގައި ލޭޒާ މެޝީން އޮޕަރޭޓް ކުރާ މީހަކަށް އޭނާ މަސައްކަތް ކުރި ކަމަށެވެ.

އުންޑާ ވަނީ 2002 ވަނަ އަހަރުގެ ރިކޯޑެއް މުގުރާލާފައި/ފޮޓޯ:އެކްސް

އުންޑާވް ބުނީ ކާރުހާނާގައި އޭނާ ދުވާލަކު 8 ގަޑި އިރު މަސައްކަތް ކުރި ކަމަށާ ފަތިހު 4 ޖަހާ އިރު ކާރުހާނާއަށް ގޮސް ދެން ދަނީ ޕެރެކްޓިސްއަށް ކަމަށެވެ. އަދި ގެޔަށް ދެވޭ އިރު ހުންނަނީ ރޭގަނޑު 8 ޖަހާފައި ކަމަށާ އަނެއް ދުވަހު ވެސް ހަމަ ތެދުވެ ހިތްވަރާއެކު މަސައްކަތަށް ދަނީ ކަމަށެވެ.

އުންޑާވްގެ މި ހިތްވަރަށް ކާމިޔާބީ ލިބުނީ 2020 ވަނަ އަހަރު ބެލްޖިއަމް ލީގުގެ ޓީމަކުން އޭނާ ސޮއިކުރުމުންނެވެ. އެޓީމަށް އެއަހަރު 25 ގޯލު ޖަހާ ދިނުމުން އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަންއިން އުންޑާވް ގަތެވެ. އެހެން ނަމަވެސް އުންޑާވްއަށް ލީގުގައި 22 ގައި އެންމެ 5 ގޯލު ޖެހުމުން ބްރައިޓަންއިން އޭނާ ލޯނަށް ޖާމަނީގެ ސުޓްގާޑަށް ދޫކުރިއެވެ.

އުންޑާ ވަނީ މިދިޔަ ސީޒަންގައި ސުޓްގާޑަށް 19 ގޯލު ޖަހާ ދީފައި/ފޮޓޯ: އެކްސް

2024 ގައި ސުޓްގާޑުން އޭނާ ދާއިމީކޮށް ސޮއިކުރި އިރު މިނިމުނު ސީޒަންގައި ޖާމަނީގެ ބުންޑަސް ލީގުގައި ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާފައިވަނީ އުންޑާވްއެވެ. އަދި މިއާއެކު އޭނާ ޖާމަނީގެ ވޯލްޑްކަޕް ސްކޮޑަށް ވެސް ހޮވިފައިވާ އިރު އުމުރުން 29 އަހަރުގެ އުންޑާވް މިވަނީ ޓީމަށް އޭނާ ނަން ޖެހޭ ސަބަބު ރޭ ސާފުކޮށްދީފައެވެ.