ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ކްރޮސް ވެރިފިކޭޝަން މަސައްކަތް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމަށް ދިން މުއްދަތު މި މަހުގެ 15 ވަނަ ދުވަހަށް ހަމަވިއިރު، ޖުމްލަ ބައިލައްކައަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,900 އަށްވުރެ ގިނަ އެޕްލިކޭޝަނާ، ގޯއްޗަށް އެދި ހުށަހެޅި 22,000 އަށްވުރެ ގިނަ އެޕްލިކޭޝަނެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވީ މިހާރު ކްރޮސް ވެރިފިކޭޝަންގެ މަރުހަލާގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މި މަރުހަލާގައި ބަލާނީ ފޯމުތަކުގައި ހުށަހަޅާފައިވާ މައުލޫމާތުތަކުގެ ސައްހަކަން ދައުލަތުގެ އެކި އިދާރާތަކުގައި ހުރި މައުލޫމާތާ އަޅާކިޔައި ކަށަވަރު ކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި މާލޭގައި ދިރިއުޅޭކަމަށް ބުނާ މުއްދަތުތައް ޔަގީންކުރުން ފަދަ ކަންކަން ހިމެނެއެވެ.

ކުރީގެ މަޝްރޫއުތަކާ ހިލާފަށް މިފަހަރު ދުރާލައި އިދާރީ މަސައްކަތްތައް ފަށާފައިވަނީ ހުރިހާ ފޯމެއް ރަނގަޅަށް ބަލައި ޗެކްކުރުމަށް ވަގުތު ހޯދުމުގެ ބޭނުމުގައިކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިމުމުން އާންމުންނަށް ވަގުތުން އެތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.