މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026 ގައި މިރޭ ސުވިޑަންއާ ނެދެލޭންޑްސް ވާދަކުރި މެޗު 5-1 އިން ނެދެލޭންޑްސް ކާމިޔާބުކޮށްފިއެވެ. މިމޮޅާއެކު ނެދެލޭންޑްސް މިވަނީ ގްރޫޕް އެފްގެ އެއްވަނައަށް އަރާފައެވެ.

އަވަސް އަދި މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ނެދެލޭންޑްސްއިން ފުރަތަމަ ލަނޑެއް ޖެހީ މެޗުގެ 5 ވަނަ މިނެޓްގައެވެ. އެޓީމުގެ ވާތް ފަރާތު ވިންގުން ލިވަޕޫލްގެ ކޯޑީ ގެކްޕޯ ފޮނުވާލި ހުރަހެއް ގޯލަށް ވައްދާލީ ބްރައިން ބްރޮބްބީއެވެ. މިއީ އޭނާ ވޯލްޑްކަޕްގައި ގައުމީ ޓީމަށް މެޗަށް ފެށި ފުރަތަމަ ފަހަރެވެ.

މެޗުގައި ދެން ވެސް ފެނުނީ ނެދެލޭންޑްސްގެ ލަނޑެކެވެ. މިފަހަރު ވެސް ލަނޑު ކާމިޔާބުކުރީ ބްރޮބީއެވެ. މިފަހަރު ކަނާތް ފަރާތުން އައި ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ބްރޮބީ ނެދެލޭންޑްސްއަށް 2-0 ގެ ލީޑެއް ނަގާ ދިނެވެ.

ފުރަތަމަ ހާފްގައި ސުވިޑަންއިން ވެސް ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދިއެވެ. އެހެން ނަމަވެސް ނެދެލޭންޑްސްގެ ކީޕަރު ބާޓް ވާބުރުގަން ވަނީ ހުޝިޔާރު އަދި މޮޅު ސޭވްތަކެއް ކޮށްފައެވެ.

މެޗުގެ ފުރަތަމަ 45 މިނެޓް ނެދެލޭންޑް ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފް ފެށިތަނާހެން އެޓީމުން އިތުރު ދެ ލަނޑު ޖަހާ ލީޑު ފުޅާކުރިއެވެ. މިދެލަނޑު ވެސް ޖަހާ ދިނީ ލިވަޕޫލްގެ ފޯވަޑް ކޯޑީ ގެކްޕޯއެވެ.

ެގެކްޕޯގެ ދެވަނަ ލަނޑަކީ ވޯލްޑްކަޕް 2026 ގައި ޖެހި 100 ވަނަ ލަނޑު/ފޮޓޯ: އެކްސް

ދެން މެޗުގައި ފެނިގެން ދިޔައީ ސުވިޑަންގެ ލަނޑެކެވެ. ފަހު ހާފްގައި ކުޅެން ނިކުތް އެންތަނީ އެލާންގާގެ މިލަނޑާއެކު ސުވިޑަންއަށް އުއްމީދު ލިބުނު ނަމަވެސް ނެދެލޭންޑްސްގެ ސަބް ނޭތަން ސަމާވިލް ދުރުން ފޮނުވާލި ލަނޑާއެކު 5-1 ގެ ނަތީޖާއެއް ކަށަވަރުވެގެން ދިޔައެވެ.

މިމެޗުން މޮޅުވުމުން ނެދެލޭންޑްސް މިވަނީ ގްރޫޕް އެފްގެ އެއްވަނައަށް އަރާފައެވެ. އެއީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ އަނެއް މެޗުން މޮޅުވުމުންނެވެ. ތިން ވަނަ މެޗުން އެއް ޕޮއިންޓް ހޯދައިގެން ވެސް ދެވަނަ ބުރު ނެދެލޭންޑްސްއަށް ކަށަވަރުވާނެއެވެ.

މިމެޗުން ބަލިވި ސުވިޑަންއަށް އަދި ދެވަނަ ބުރުގެ ފުރުސަތު ނުގެއްލެއެވެ. ގްރޫޕްގައި އެންމެ ފަހުން ކުޅޭ މެޗުން ތިން ޕޮއިންޓް ހޯދައިގެން އެޓީމަށް ވެސް ދެވަނަ ބުރަށް އަދި ދެވޭނެއެވެ.

މިގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ޖަޕާން އަދި ޓިއުނީޝިއާ ވާދަކުރާ މެޗު އޮންނަނީ މާދަމާ ހެނދުނު ރާއްޖޭ ގަޑިން 9 ޖަހާ އިރުއެވެ.