ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ / ސޭންޑީސައިޑް، ފައުޒާން އަހުމަދު ހުސައިން (25އ) އެވެ.
ފުލުހުން ބުނީ ފައުޒާން ހައްޔަރުކޮށްފައިވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި މޯލްޑިވްސް ކަސްޓަމްސް ގުޅިގެންނެވެ.
މި ޖޫން މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާއިރު މި މަހުގެ 9 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އަށް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ ބިދޭސީންނާއި ތިން ދިވެހިން ހައްޔަރުކޮށްފައިވެއެވެ. އެފަހަރު އަތުލައިގެންފައި ވަނީ 8.4 ކިލޯ (8490 ގްރާމް) ގެ ހަޝިޝް އޮއިލްއެވެ. އެ ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
