ވިލިމާލޭގެ ބައެއް ސަރަހައްދުތަކުގައި ޖަހާފައި ހުރި މަގުބައްތިތަކުގެ ކޭބަލްތަކެއް ވަގަށް ނަގައި، އެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ މައްސަލަ މާލެ ސިޓީ ކައުންސިލުން ފުލުހަށް ހުށަހަޅައިފިއެވެ.

ކައުންސިލުން ބުނި ގޮތުގައި މި އަމަލު ހިންގާފައިވަނީ ވިލިމާލޭގެ ކުރީގެ ބޯޓް ޔާޑް ސަރަހައްދާއި ވެމްކޯ ސަރަހައްދުގައެވެ.

އެގޮތުން ބޯޓް ޔާޑް ސަރަހައްދުގައި ޖަހާފައި ހުރި ލައިޓްތަކުގެ ކޭބަލްތައް ވަނީ ބުރިކޮށްގެން ވަގަށް ނަގާފައެވެ. މީގެ އިތުރުން ވެމްކޯ ސަރަހައްދުގައި ހުރި ލައިޓްތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ދީފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ކައުންސިލުން ބުނީ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިއްލާފައި ހުންނަ ބައްތިތަކަށް މިފަދަ ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޭބަލްތައް ވަގަށް ނެގުމުގެ ސަބަބުން އެ ސަރަހައްދުތައް އަނދިރިވެފައި އޮތުމުން، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން ގެއްލުންވި ސަރަހައްދުތަކުގައި އަލުން އާ ކޭބަލް އެޅުމާއި، ހަލާކުކޮށްލާފައިވާ ލައިޓްތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ ޓީމުތަކުން މިހާރު ދަނީ ކުރަމުންނެވެ.

މާލެ އާއި ހުޅުމާލޭގައި އަޅާފައި ހުންނަ ކޭބަލްތައް ވަގަށް ނަގާ މައްސަލައަކީ މީގެ ކުރިންވެސް ފެންމަތިވެފައިވާ މައްސަލަތަކެވެ.