މިހާރު ކުރިއަށްދާ ވޯލްޑްކަޕް މުބާރާތުން ތުރުކީ ކަޓައިފިއެވެ. ތުރުކީ ކެޓީ މިއަދު ހެނދުނު ކުޅުނު މެޗުން ޕެރަގުއޭ އަތުން 1-0 އިން ބަލިވުމުންނެވެ. ތުރުކީ މުބާރާތުން ކަޓައިގެން ދިޔައީ އެންމެ ގޯލެއް ވެސް ނުޖެހިއެވެ.

ތުރުކީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިޔާއާ ދެކޮޅަށް އެތަށް ހަމަލާއެއް އުފެއްދި ނަމަވެސް ގޯލެއް ނުޖެހި 2-0 އިން ބަލިވި އިރު މިއަދުގެ މެޗުގައި ވެސް ތުރުކީއިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ.

ހަމަލާތައް އިތުރުކުރަން މަޖްބޫރުވީ މެޗުގެ 64 ވަނަ ސުކުންތުގައި ޕެރަގުއޭއިން ލަނޑު ޖަހާ ލީޑު ނެގުމުންނެވެ. ޕެރެގުއޭގެ ގަލަރްޒާ ޖެހި މިލަނޑަކީ މި މުބާރާތުގައި މިހާތަނަށް ޖެހި އެންމެ އަވަސް ލަނޑެވެ.

ޕެރެގުއޭގެ ކުޅުންތެރިން ލަނޑު ޖަހާފައި އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފްގައި ޕެރަގުއޭގެ ކުޅުންތެރިއަކަށް ރަތް ކާޑު ވެސް ދެއްކިއެވެ. އެއީ އަނގަ ފޮރުވައިގެން އިދިކޮޅު ޓީމުގެ ކުޅުންތެރިއަކާ ވާހަކަ ދެއްކުމުގެ ސަބަބުން މިގެލް އަލްމިރޮންއަށެވެ. މިއީ މިފަހަރު އަލަށް ފީފާއިން ތައާރަފް ކުރި ގަވައިދަށް އަމަލުކުރި ފުރަތަމަ ފަހަރެވެ.

މި ރަތް ކާޑާއެކު މުޅި ދެވަނަ ހާފް ޕެރަގުއޭއިން 10 ކުޅުންތެރިންނާއެކު ކުޅުނު ނަމަވެސް ތުރުކީއަށް އެޓީމުގެ ޑިފެންސް ފޫއަޅުވާ ނުލެވުނެވެ. ޕެރަގުއޭގެ ގޯލާ އަމާޒުކޮށް 32 ޝޮޓް ތުރުކީއިން ފޮނުވާލި ނަމަވެސް އެންމެ ލަނޑެއް ވެސް ވަދެފައެއް ނުވެއެވެ. މި މެޗުން ދަށްވުމުން ތުރުކީ މުބާރާތުން ކެޓި އިރު އެޓީމު ވެގެން ދިޔައީ ވޯލްޑްކަޕް 2026 އަށް އަލްވަދާއު ކީ ދެވަނަ ޓީމަށެވެ.