ވޯލްޑްކަޕް މެޗެއްގައި އަނގަ ފޮރުވައިގެން އިދިކޮޅު ކުޅުންތެރިއަކާ ވާހަކަ ދެއްކުމުގެ ސަަބަބުން ފުރަތަމަ ފަހަރަށް ރަތް ކާޑެއް ދެއްކައިފިއެވެ. މި ސީދާ ރަތް ކާޑު ދެއްކި ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ޕެރަގުއޭއާ ތުރުކީ ވާދަކުރި މެޗުގައި ޕެރަގުއޭގެ މިގެލް އަލްމިރޯންއަށެވެ.
މި ފަހަރުގެ ވޯލްޑްކަޕްގައި އަލަށް އަމަލުކުރަން ފެށި ގަވައިދެއްގެ ދަށުން އަނގަ މަތީ އަތް އަޅައިގެން ނުވަތަ ޖާޒީ އަޅައިގެން އިދިކޮޅު ކުޅުންތެރިއަކާ ވާހަކަ ދައްކާ ކުޅުންތެރިއަކަށް ސީދާ ރަތް ކާޑެއް ދެއްކޭނެއެވެ. އެއީ އަނގަ ފޮރުވައިގެން ތިބި ނަސްލީ ތަފާތުކުރުން ދޭހަވާ ފަދަ ބަސްމަގާ އެނޫން ވެސް ބޭ އަދަބީ ބަސްތައް ކުޅުންތެރިން ބޭނުން ކުރުން ހުއްޓުވުމަށް ކަމަށް ފީފާއިން ވަނީ ބުނެފައެވެ.
މި ގަވައިދުގެ ދަށުން ފުރަތަމަ ފަހަރަށް ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފައިވާ އިރު ޕެރެގުއޭގެ އަލްމިރޯންއަށް މި ކާޑު ދެއްކީ މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށެވެ. މެޗުގެ ކުޅުން ހުއްޓުވުމަށް ފަހު މެޗުގެ ވީޑިއޯ އެސިސްޓްޓަންޓް ރެފްރީ ގިނަ އިރުތަކެއް ވަންދެން ރީޕްލޭ ބެލިއެވެ. އެއަށް ފަހު ދަނޑުގައި އިންނަ މޮނީޓަރުން ރެފްރީ މެޗުގެ ރީޕްލޭ ބެލުމަށް އެދުނެވެ.
އެދެއްކި ރީޕްލޭއިން ފެންނަ ގޮތުގައި ޕެރަގުއޭގެ އަލްމިރޮން ވަނީ އަނގަ ފޮރުވައިގެން ތުރުކީގެ މާޓް މުލްޑޫރްއާ ދިމާލަށް ކޮންމެ ވެސް އެއްޗެއް ބުނެފައެވެ. މެޗުގެ ރެފްރީ ވަގުތުން އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ.
