ފީފާ ވޯލްޑްކަޕް 2026 ގެ ގްރޫޕް ސްޓޭޖްގެ ދެވަނަ ރައުންޑްގެ މެޗުތައް ކުޅެމުންދާ ރޭ ދަންވަރު ކެނެޑާއާ ގަތަރު ވާދަކުރި މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކެނެޑާ ކާމިޔާބުކޮށް ފިއެވެ. މިއީ ވޯލްޑްކަޕް މުބާރާތެއްގެ މެޗެއް ކެނެޑާ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އެހެން ނަމަވެސް ކެނެޑާގެ މިކާމިޔާބީއަށް އަނދިރި އެޅިގެން ދިޔައީ މެޗުގެ ދެވަނަ ހާފްގައި އެޓީމުގެ ފޯވަޑް އިސްމާއީލް ކޮނޭއަށް ގަތަރުގެ ކުޅުންތެރިއަކު ފަހަތުން ކުރި ޓެކަލްގެ ސަަބަބުން އޭނާއަށް ލިބުނު ނުރައްކާތެރި އިންޖަރީގެ ސަބަބުންނެވެ. އިންޖަރީ ލިބުނު ވަގުތު ކޮނޭ އަދި ވަށައިގެން ތިބި ކުޅުންތެރިންގެ މޫނުމަތިން ފެނުނު މަންޒަރުތަކުން އިންޖަރީގެ ނުރައްކާތެރިކަން އިހުސާސްވެގެން ދިޔަ އިރު ކޮނޭ ދަނޑުން ބޭލީ އޮކްސިޖަން ގުޅައިގެންނެވެ. ދަނޑުން ބޭލުމުގެ ކުރިން އަށިގަނޑު މަތީގައި އިނދެގެން އޭނާ ކެނެޑާގެ ސަޕޯޓަރުންނަށް އަތް ހޫރާލި އިރު ބެލެވޭ ގޮތުގައި މި ޓެކަލްގައި ކޮނޭގެ ފައި ބިނދި އޭނާއަށް މިވަނީ ވޯލްޑްކަޕާ ދުރަށް ދާން ޖެހިފައެވެ.
ކޮނޭ އިންޖަރީ ވީ އިރު ވެސް ކެނެޑާ އޮތީ 3-0 އިން ކުރީގައެވެ. މިގޮތުން، މެޗުގެ 16 ވަނަ މިނެޓްގައި ކައިލް ލަރިން ޖެހި ލަނޑާއެކު ކެނެޑާއަށް ލީޑު ލިބުނު އިރު މެޗުގެ 29 ވަނަ މިނެޓްގައި ޖޮނަތަން ޑޭވިޑް ވަނީ ލަނޑެއް ޖަހާ ސްކޯލައިން 2-0 އަށް ހަދާފައެވެ.
އޭނގެ މާގިނަ އިރުތަކެއް ނުވެ ގަތަރުގެ ހޮމާމް އަލް އަމިން ކުރި ފައުލަކަށް މެޗުގެ ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑޭވިޑްގެ ދެވަނަ ލަނޑު ފެނިގެން ދިޔައެވެ.
ކެނެޑާގެ ކޮނޭއަށް އިންޖަރީ ވީ ދެވަނަ ހާފްގެ 50 މިނެޓް ހިސާބުންނެވެ. މި އިންޖަރީގެ ސީރިއަސް ކަމުން މެޗުގެ ރެފްރީ ވަނީ ފަހަތުން ޓެކަލް ކުރި ގަތަރުގެ އާސިމް ބަޑީބޯއަށް ވެސް ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެހެން ކަމުން، މެޗުގެ ބާކީ ބައި ގަތަރުން ކުޅުނީ 9 ކުޅުންތެރިންނާއެކުއެވެ.
ކޮނޭއަށް ލިބުނު އަނިޔާގެ ސަބަބުން ކެނެޑާގެ ކުޅުންތެރިންނަށް އޭނގެ އަސަރުކުރި ނަމަވެސް ގަތަރަށް ދެއްކި ދެ ރަތް ކާޑުގެ ފައިދާ ނަގާ ކެނެޑާއިން މެޗުގައި އިތުރު 3 ލަނޑު ޖެހިއެވެ. މީގެ ތެރެއިން ފަހު ލަނޑަކީ ޑޭވިޑް ޖެހި ލަނޑަކަށް ވީ އިރު އޭނާ މިވަނީ މިމެޗުގައި ހެޓްރިކް ހަދާފައެވެ. މިމުބާރާތުގައި މިހާތަނަށް ހެޓްރިކް ހަދާފައިވަނީ އާޖެންޓީނާގެ ލައިނަލް މެސީ އެކަންޏެވެ.
މިތާރީހީ މޮޅާއެކު ކެނެޑާ މިވަނީ މުބާރާތުގެ ގަދަ 32 އަކާ ގާތަށް ޖެހިލާފައެވެ. އަދި ގްރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ކެނެޑާއަށް ދެވަނަ ބުރަށް ދެވޭނެއެވެ. އެމެޗުގައި ކެނެޑާ ވާދަކުރާނީ ރޭ 4-1 އިން ބޮސްނިއާ ބަލިކުރި ސުވިޓްޒަލޭންޑާއެވެ.
