އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، މީހުން ބިނާކުރުމުގެ ދާއިރާއަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ ކޮންމެ މުޖުތަމައަކަށްވެސް އޭގެ އެންމެ ބޮޑު ފައިދާ ލިބިގެންދާނެ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ފަސްޓްލޭޑީ މިފަދައިން ވިދާޅުވީ، އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ "8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް" (އެމް.އެފް.އެފް.އެލް.އައި) ސަމިޓުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓުގައި އެފްރިކާ އަދި އޭޝިއާގެ ގައުމުތަކުގެ ފަސްޓް ލޭޑީންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ސާޖިދާ ވަނީ ކޮންމެ ފަރުދަކަށްމެ ހަމަހަމަކަމާއެކު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފައެވެ. އެގޮތުން، ޖިއޮގްރަފީ ގޮތުން ރަށެއް އެކަހެރިވި ނަމަވެސް، އެ ރަށެއްގެ ކުޑަކުދިންނަށް ވެރިރަށާ އެއް ފެންވަރެއްގައި ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި މެރކް ފައުންޑޭޝަނާ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން، އެ ފައުންޑޭޝަންގެ އެހީގައި ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތައް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ސިއްހީ ދާއިރާގެ އެކި ރޮނގުތަކުން ލިބިފައިވާ 13 ސްކޮލަޝިޕަކާއި، ފަންނުވެރިކަމުގެ ދާއިރާއިން ލިބުނު އެވޯޑުތަކުގެ އިތުރުން 'އެޑިއުކޭޓިންގް ލިންޑާ' ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ފޯރުކޮށްދިން އެހީތެރިކަން ހިމެނެއެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި އިމާރާތްތަކާއި ވަސީލަތްތަކުން މިންކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، އޭގެ އަސްލަކީ އިންސާނީ ކަރާމާތާއި، އުންމީދު އަދި ފެންވަރު ރަނގަޅު ހިދުމަތްތައް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މެރކް ފައުންޑޭޝަންގެ 'މޯ ދޭން އަ މަދާ' ކެމްޕޭނުގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ދަރިމައިނުވުމުގެ މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް މުޖުތަމައުން ކުރިމަތިކުރުވާ ގޮންޖެހުންތަކާ މެދު އެކަމަނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އެފަދަ ފަރާތްތަކަށް މަލާމާތާއި ފާޑުކިޔުމުގެ ބަދަލުގައި، އޯގާތެރިކަމާއި އިހުތިރާމް އިސްކުރާ މުޖުތަމައެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކަށް ގޮވާލެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މެރކް ފައުންޑޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، ސިއްހީ ދުޅަހެޔޮކަމާއި ފުރުސަތުތަކަކީ ހަމައެކަނި މަދު ބައެއްގެ އިމްތިޔާޒަކަށް ނުހަދައި، އެއީ އެންމެންގެ ހައްގަކަށް ހެދުމަށް ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
