މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ކޭގައި މިރޭ ޕޯޗުގަލްއާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. މިއީ ކޮންގޯގެ ތާރީހުގައި ވެސް އެޓީމަށް ވޯލްޑްކަޕްގެ މެޗަކުން ޕޮއިންޓެއް ލިބުނު ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ހިއުސްޓަންގައި ކުޅުނު މެޗު ޕޯޗުގަލްއިން ފެށީ އުއްމީދީ ގޮަތަކަށް ގިނަ ހަމަލާތަކާއެކުއެވެ. އަދި މެޗުގެ 6 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ލީޑު ވެސް ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ހާއޯ ނެވޭސެވެ.

މިލަނޑަށް ފަހު ޕޯޗުގަލްއަށް މާ ގިނަ ހަމަލާތަކެއް މެޗުގައި އުފެއްދިފައި ނުވާ އިރު ކޮންގޯއިން ވަނީ ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތައް ވެސް އުފައްދާފައެވެ. އަދި މީގެ ނަތީޖާއަކަށް ވީ މެޗުގެ 45 މިނެޓް ހަމަވެ އިތުރު ވަގުތުގައި ދެއްކި 5 މިނެޓްގެ ތެރޭގައި ކޮންގޯއިން ލަނޑެއް ޖެހުމެވެ.

ކޮންގޯގެ ފުރަތަމަ ލަނޑު ޖަހާ ދިން ވިސާ/ފޮޓޯ: އެކްސް

ޕޯޗުގަލްގެ އޭރިއާ ތެރެއަށް އައި ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޔޮހާން ވިސާއެވެ. މިއީ ކޮންގޯގެ ތާރީހުގައި ވެސް އެޓީމުން ވޯލްޑްކަޕް މުބާރާތެއްގައި ޖެހި ފުރަތަމަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފްގައި ޕޯޗުގަލްއިން ކުޅުން ވަރުގަދަކުރުމަށް މަސައްކަތް ކުރި ނަމަވެސް ދެން ވެސް ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ކޮންގޯއިންނެވެ. ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުޅި މެޗުގަައި ހެން މާކްކޮށްފައި ހުރި އިރު އޭނާއަށް މާގިނަ ހަމަލާތަކެއްގައި ބައިވެރިވެވިފައެއް ނެތެވެ. އަދި ރޮނާލްޑޯ ފޮނުވާލި ގިނަ ޝޮޓްތައް ދިޔައީ ބޭރަށެވެ.

1-1 އިން އެއްވަރުވެގެން މިމެޗު ނިމުނު އިރު މިއީ ވޯލްޑްކަޕް މުބާރާތެއްގައި ކޮންގޯއަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ. މީގެ ކުރިން ކޮންގޯ ވޯލްޑްކަޕްގައި ވާދަކުރީ 1970 ވަނަ އަހަރު އޮތް މުބާރާތުގައި އެކަންޏެވެ. އެފަހަރު ކުޅުނު ތިން މެޗުން ބަލިވި އިރު އެޓީމަށް އެއްވެސް ގޯލެއް ނުޖެހެއެވެ. ނުވިތާކަށް އެޓީމުގެ ކޮޅަށް ވަނީ 14 ގޯލު ވަދެފައެވެ.

މިރޭގެ ނަތީޖާގެ ސަބަބުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒްއަށް ގިނަ ސުވާލުތައް ކުރިމަތިވާނެއެވެ. ހާއްސަކޮށް ރޮނާލްޑޯގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނު އިރު އަދި ބެންޗުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން ތިބި އިރު ބަދަލެއް ނުގެނައި ކީއްވެތޯ ސުވާލުތައް ކުރާނެއެވެ.