ވޯލްޑްކަޕަށް އަލަށް ހޮވުނު ޖޯޑަން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އޮސްޓްރިއާ އަތުން 1-3 އިން ބަލިވެއްޖެއެވެ.

ގްރޫޕް ޖޭގައި މިއަދު ހެނދުނު ރާއްޖޭ ގަޑިން 9 ޖެހި އިރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އޮސްޓްރިއާއިންނެވެ. މިގޮތުން، މެޗުގެ 211 ވަނަ މިނެޓްގައި ރޮމާނޯ ޝްމިޑް ފޮނުވާލި ޝޮޓަކުން ޖެހި މިލަނޑަކީ ހިތްގައިމު ގޯލެކެވެ.

މެޗުގައި ހިތްވަރުގަދަ ކުޅުމެއް ދެއްކި ޖޯޑަންއިން ވަނީ ދެވަނަ ހާފް ފެށިތަނާ ހެން ލަނޑެއް ޖަހާފައެވެ. ޖޯޑަންއަށް މި ތާރީހީ ލަނޑު ޖަހާ ދިނީ އަލީ އޮލްވާނެވެ.

އަވަސް ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެން އަނެއްކާވެސް ލަނޑެއް ޖެހީ އޮސްޓްރިއާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް މާކޯ އަނަޓޮވިޗެވެ. އެހެން ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މިލަނޑުގެ ކުރިން އޮސްޓްރިއާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުުން ލަނޑު ކެންސަލްކޮށްފައެވެ.

ދެން ވިއަސް މެޗުގައި ލަނޑު ޖެހީ އޮސްޓްރިއާއިންނެވެ. މި ލަނޑަކީ ޖޯޑަންގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ވަތް ލަނޑެކެވެ. މެޗުގެ ނަތީޖާ އެއްވަރުކުރަން ޖޯޑަންއިން މަސައްކަތް ކުރަމުުން ދަނިކޮށް ދެން ވެސް މެޗުގައި ލަނޑު ޖެހީ އޮސްޓްރިއާއިންނެވެ. މިލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އަނަޓޮވިޗް ޖެހި ލަނޑެކެވެ.

މިމޮޅާއެކު އޮސްޓްރިއާ އޮތީ ގްރޫޕް ޖޭގެ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ މިއަދު ހެނދުނު އަލްޖީރިއާ ބަލިކުރި ޗެމްޕިއަން އާޖެންޓީނާއެވެ.

މިމެޗުން ބަލިވި ނަމަވެސް އޮސްޓްރިއާއާ ދެކޮޅަށް ދެއްކި ކުޅުމުން ޖޯޑަންގެ ސަޕޯޓަރުންނަށް ވަނީ ޓީމު ދެވަނަ ބުރަށް ދާނެ ކަމުގެ ފުރުސަތު އިތުރުވެފައެވެ.

މިއީ 48 ޓީމު ކުޅޭ ފުރަތަމަ މުބާރާތަށް ވެފައި ދެވަނަ ބުރަށް 32 ޓީމު ދާ އިރު އެއީ 12 ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން އެންމެ ތިން ވަނައަށް ހޮވޭ ޓީމުތަކުގެ ތެރެއިން 8 ޓީމު ވެސް ދެވަނަ ބުރަށްދާނެއެވެ.