މާލެ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، މީގެފަހުން ހުރިހާ މުއާމަލާތެއް ހަމައެކަނި ލިޔެކިޔުމުން ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން ނިންމައި އެކަން ސިޓީ ކައުންސިލަށް އަންގައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު މާލޭ ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި، ހައުސިން މިނިސްޓްރީން ކައުންސިލަށް ފޮނުއްވި ސިޓީއެއް އިއްވަމުންނެވެ. މި ސިޓީ ފޮނުވާފައި ވަނީ އެ މިނިސްޓަރާ ބައްދަލުނުކުރެވޭ ކަމަށް ބުނެ، މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން މިނިސްޓްރީއަށް ވަޑައިގެންފައި ވަނިކޮށެވެ.
މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައި ވަނީ، މޭޔަރު އާޒިމާއެކު މިނިސްޓަރު އަނގަބަހުން ކުރެއްވި މުއާމަލާތްތަކުގެ ހަގީގަތް އޮޅޭގޮތަށް އެކި މަންސަތަކުގައި މޭޔަރު ވާހަކަދައްކަވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށްވެސް މިނިސްޓަރުގެ އެ ސިޓީގައި ތުހުމަތުކުރައްވާފައި ވެއެވެ.
ސިޓީ އިއްވެވުމަށްފަހު އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވަނީ މިނިސްޓަރުގެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. މޭޔަރު ވިދާޅުވީ، މަގާމާ ހަވާލުވި ފަހުން މިހާތަނަށް މިނިސްޓަރާ އެއްވެސް އިރެއްގައި ބައްދަލުވެފައި ނުވާނެ ކަމަށާއި، ފޯނުންވެސް ގުޅިފައި ނުވާނެ ކަމަށެވެ. އަދި މިފަދަ ހަގީގަތާ ޚިލާފު ވާހަކަތަކުގެ ސަބަބުން ސަރުކާރު ބަދުނާމުވަމުންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ކައުންސިލުން ލިޔުމުން ފޮނުވާ އެކި މައްސަލަތަކަށް މިނިސްޓްރީން އެއްވެސް ވަރަކަށް ޖަވާބުދާރީނުވާކަން ކައުންސިލުން މިއަދު ފާހަގަކުރިއެވެ. މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ކެނޑިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓްރީން މިހާރު ނިންމާފައިވަނީ މުއައްސަސާތަކުގެ މެދުގައި ހިންގޭ ރަސްމީ މުއާމަލާތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ހުރިހާ ކަމެއްވެސް ލިޔެކިޔުމުގެ ޒަރީއާއިން ކުރިއަށް ގެންދިއުމަށެވެ.
މިނިސްޓްރީގެ ތުހުމަތުތައް މޭޔަރު ދޮގު ކުރެއްވި ނަމަވެސް ސަރުކާރާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އޮތް އިތުބާރު ކުޑަވެ، އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން މާލޭގެ ތަރައްގީގެ މަޝްރޫއުތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ހުރަސް އެޅޭ ކަމުގެ ޝަކުވާތައް އަންނަނީ ފެންނަމުންނެވެ. އެގޮތުން އެފަދަ މައްސަލަތަކެއްގެ ވާހަކަ ރައިސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިއްސާ ކުރައްވާފައެވެ.
މާލޭގައި ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކުގައި ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފަިއ ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މާރުކޭޓް ސަރަހައްދުގެ މަގު ހެދުމުގައި ވެސް އެފަދަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެއަށް ފަހު މާރުކޭޓް ތަރައްގީކުރުމުގެ މަޝްރޫއު ހިންގުމަށް ވެސް އެ އިމާރާތް ހުސްކުރުމަށް އެތައް ފަހަރަކު އަންގައިގެން އެއްބާރުލުން ނުލިބުމުން ކައުންސިލަށް އިންޒާރު ދޭން ޖެހުނު ކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
