އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026 ގައި ރޭ ދަންވަރު ގްރޫޕް އައިގައި ކުޅުނު ފުރަތަމަ ދެ މެޗު ފްރާންސް އަދި ނޯވޭ ކާމިޔާބުކޮށްފިއެވެ. 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލްގައި ވާދަކުރި ފްރާންސް މިއަަހަރުގެ މުބާރާތް ފެށީ 3-1 އިން ސެނެގާލް ބަލިކޮށްގެންނެވެ. އަދި 1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގައި ކުޅުނު ނޯވޭއިން ވަނީ އިރާގު ކޮޅަށް 4 ލަނޑު ޖަހާ 4-1 ގެ ސްކޯލައިނަކުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.
ސެނެގާލްގެ ޑިފެންސް ހުޅުވާލެވުނީ ފްރާންސްއިން ދެވަނަ ހާފްގައި ގެނައި ޓެކްޓިކަލް ބަދަލަކާއެކު
ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖެހި އިރު ފެށި މިމެޗުގެ ފުރަތަމަ ހާފްގައި ސެނެގާލްގެ ފަރާތުން ފެނުނީ ޑިފެންސިވް ގޮތުން ވަރުގަދަ ކުޅުމެކެވެ. ފްރާންސްގެ އެޓޭކްގައި ޔޫރަޕްގެ އެންމެ ބޮޑެތި ކްލަބްތަކުގެ ފޯވަޑުން ތިބި ނަމަވެސް އެގޮތަކަށް ސެނެގާލްގެ ގޯލު ފޫ އަޅުވާލެވޭ ގޮތެއް ނުވިއެވެ. ބަަދަލުގައި މޮޅަށް ކުޅެ ނުރައްކާތެރި ހަމަލާތައް ވެސް އުފެއްދީ ސެނެގާލްއިންނެވެ. މެޗުގެ ފުރަތަމަ ހާފް 0-0 އިން ނިމުނު އިރު ދެވަނަ ހާފްގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ވަނީ ޓީމަށް ޓެކްޓިކަލް ބަދަލެއް ގެނެސްފައެވެ. އަދި މި ބަދަލާއެކު ފްރާންސްގެ ހަމަލާތައް އިތުރަށް ވަރުގަދަ ވެގެން ދިޔަ އިރު މެޗުގެ 66 ވަނަ މިނެޓްގައި ފްރާންސްގެ ފޯވަޑް ކިލިއަން އެމްބާޕޭ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގާ ދިނެވެ.
މެޗުގެ 82 ވަނަ މިނެޓާ ހަމައަށް 1-0 ގެ ލީޑެއްގައި ފްރާންސް އޮތް އިރު އެޓީމުން މެޗުގެ އެހިސާބުން ލީޑު ފުޅާކުރިއެވެ. މި ލަނޑު ޖަހާ ދިނީ ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ބްރެޑްލީ ބާކޮލާއެވެ.
ސެނެގާލްއިން ވަނީ މެޗުގެ 95 މިނެޓްގައި ލަނޑެއް ޖަހާ ލީޑުގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ އިބްރާހިމް އެމްބައޭއެވެ. އިތުރު ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރެވޭނެ ކަމަށް ސެނެގާލްއަށް އުއްމީދުކުރެވުނު ނަމަވެސް މިއުއްމީދުތައް ފެނަށް ދުއްވާލީ މެޗުގައި އެމްބާޕޭ ދެވަނަ ލަނޑެވެ. މިލަނޑަކީ ފްރާންސްގެ ގައުމީ ޖާޒީގައި އެންމެ ގިނަ ލަނޑު ޖަހާ ހަދާފައިވާ ރެކޯޑް މުގުރާލަން އެމްބާޕޭއަށް އެހީވެދިން ލަނޑެވެ.
28 އަހަރު ފަހުން ނޯވޭ ވޯލްޑްކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 4 ލަނޑު
1998 ގެ ފަހުން ކުޅުނު 6 ވޯލްޑްކަޕް މުބާރާތުން ވެސް ނުފެނުނު ނޯވޭ ރޭ ދަންވަރު ރާއްޖެ ގަޑިން 3 ޖެހި އިރު މިމުބާރާތުގެ ފުރަތަމަ މެޗަށް ނިކުތް އިރު އެޓީމުން މިވަނީ 4-1 ގެ ފަރަގު ބޮޑު ސްކޯލައިނަކުން އިރާގު ބަލިކޮށްފައެވެ. މިގޮތުން، ނޯވޭ ހުނަރުވެރި ފޯވަޑް އާލިންގް ހާލެންޑްގެ ފުރަތަމަ ވޯލްޑްކަޕް މެޗުގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި އޭނާ ވަނީ ލަނޑެއް ޖަހާ ނޯވޭއަށް ލީޑު ނަގާދީފައެވެ.
އެހެން ނަމަވެސް މެޗުގެ 39 ވަނަ މިނެޓްގައި އިރާގުން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ތަޖުރިބާކާރު ސްޓްރައިކަރު އައިމަން ހުސައިންއެވެ.
ފުރަތަމަ ހާފް ނިިމުމުގެ ކުރިން ހާލަންޑް ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ނޯވޭގެ ލީޑު އަލުން ހޯދާދީފައެވެ. ދެވަނަ ހާފް ފެށިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ދެން މި މެޗުގައި ފެނިގެން ދިޔަ ދެ ލަނޑު ވެސް ޖެހީ ނޯވޭއިންނެވެ. އަދި މީގެ ތެރެއިން ފަހު ލަނޑަކީ އައިމަންގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.
