ފީފާ ވޯލްޑްކަޕް 2026 ގައި ރޭ ސްޕެއިންއާ މުބާރާތުގައި އަލަށް ބައިވެރިވި ކާޕޯ ވާޑޭއާ ވާދަކުރި މެޗުގެ ނަތީޖާ މިވަނީ މުޅި ދުނިޔެ ސިއްސުވާލާފައިއެވެ.

މުޅިންހެން ޕާސިންގް ގޭމެއް ކުޅޭ ސްޕެއިންގެ ކުޅުންތެރިންނަކީ އެތަށް ސަތޭކަ ޕާހެއް ފުރިހަމަ ކުރާ ކުޅުންތެރިންނަށްވާ އިރު ރޭގެ 'ބައްޔާ' އެކު ސްޕެއިންއަށް މިވަނީ ލަދުވެތި ރިކޯޑެއް ވެސް ލިބިފައެވެ.

އޮޔާޒަބާލްއަކީ ރޭ ސްޕެއިންގެ ކެޕްޓަން އަދި ފޯވަޑް/ފޮޓޯ: އެކްސް

މިގޮތުން، ރޭ ފޯވަޑެއްގެ ގޮތުގައި ފުރަތަމަ 11 ގައި ސްޕެއިންއިން އަރުވާފައި ހުރި މިކެލް އޮޔާޒަބާލް ވެގެން ދިޔައީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕް މެޗެއްގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި ބޯޅައިގައި ފައި ޖައްސާލަން ނުލިބުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އަނެއްކޮޅުން، އެޓޭކިންގް ފުޓްބޯޅަ ކުޅުމަށް މަޝްހޫރުވެފައިވާ ސްޕެއިންއަކީ އާއްމު ގޮތެއްގައި ރީތި އަދި ގިނަ ލަނޑުތަކެއް ޖަހާ ޓީމެކެވެ. 2024 ވަނަ އަހަރު ޔޫރޯ ތަށި އުފުލާލި އިރު އެޓީމުން އެ މުބާރާތުގައި ޖުމްލަ 15 ގޯލު ޖެހިއެވެ. މިއާއެކު، ސްޕެއިން ވެގެންދިޔައީ ޔޫރޯގެ ތާރީހުގައި ވެސް އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހި ޓީމަށެވެ.

މިފަދަ ވަރުގަދަ ޓީމަކަށް އެންމެ ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކާޕޯ ވާޑޭގެ ޑިފެންސް އަދި ކީޕަރުގެ އިތުރުން ދަނޑަށް ކުޅެން އެރި ހުރިހާ ކުޅުންތެރިން ވެސް މިކާމިޔާބީގައި ޝާމިލްކުރަން ޖެހެއެވެ.

'ކްލީން ޝްޓީ' ދެމެހެއްޓި 40 އަހަރުގެ ކީޕަރަށް އެއްރޭގެ ތެރޭ 3 މިލިއަން ފޮލޯވަރުން

ކާޕޯ ވާޑޭގެ ކީޕަރު ވޮޒަންޔާގެ ފޮލޯވަރުންގެ އަދަދު މިވަނީ 6 މިލއަންއަށް އަރާފައި/ފޮޓޯ: އެކްސް

ސްޕެއިން އަތުން ޕޮއިންޓެއް ހޯދުމަށް ކާޕޯ ވާޑޭއިން ދެއްކި ހިތްވަރުގަދަކަން ފާހަގަކޮށް އެންމެ ގިނަ ބަޔަކު ތައުރީފުކުރަމުންދަނީ އެގައުމުގެ ކީޕަރު ވޮޒިންޔާއަށެވެ. އުމުރުން 40 އަހަރުގެ ވޮޒިންޔާ ވަނީ ރޭގެ މެޗުގައި 7 ސޭވްކޮށްފައެވެ. އޭނާ އަކީ ވޯލްޑްކަޕް މެޗެއްގައި ބައިކޮޅަށް ގޯލެއް ވަނުނަ ނުދީ ހިފެހެއްޓި އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ. މި ޒަމާނުގައި މީހެއްގެ ހުނަރުގެ މިން އަޅަނީ ސޯޝަލް މީޑިއާގައި އޭނާ 'ފަލޯ' ކުރާ މީހުންގެ އަދަދުންނެވެ. ރޭގެ މެޗުގެ ކުރިން ވޮޒަންޔާގެ އިންސްޓަގްރާމްގައި 40،000 ފޮލޯވަރުން ތިބި އިރު ރޭގެ މެޗަށް ފަހު މި އަދަދު މިހާރު ވަނީ 6 މިލިއަންއަށް އިތުރުވެފައެވެ.