މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026 ގައި ސައުދީ އަރަބިއްޔާއާ އީރާނު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ބަލިނުވެ ހިފަހައްޓާލައިފިއެވެ.
މިގޮތުން، ގްރޫޕް އެޗްގައި ހިމެނޭ ސައުދީއާ އުރުގުއޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި ގްރޫޕް ޖީގައި ނިއުޒިލޭންޑްއާ ވާދަކޮށް އީރާނުން ވަނީ ދެފަހަރަކު މެޗުގައި ފަހަތުން އަރާ ނަތީޖާ ހަމަހަމަކޮށްފައެވެ. އެމެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މިފަހަރުގެ ފުރަތަމަ މެޗުން ވެސް މޮޅުވާން ސައުދީ ވަރަށް ގާތްވި
2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގެ އެންމެ ހައިރާންކޮށްލަނިވި ނަތީޖާއަކީ ސައުދީ އަރަބިއްޔާ ކުޅުނު ފުރަތަމަ މެޗުގައި އެމުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ 2-1 އިން ބަލިކުރުމެވެ. މިފަހަރުގެ މުބާރާތުގައި ވެސް ހަމަ މިފަދަ ހައިރާންކުރުވަނިވި ނަތީޖާއެއް ނެރުމާ ސައުދީ ވަރަށް ގާތަށް ދިޔައެވެ.
ރޭ ދަންވަރު ރާއްޖޭ ގަޑިން 3 ޖެހި އިރު ކުޅުނު މެޗުގައި އުރުގުއޭ ކޮޅަށް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސައުދީންނެވެ. މެޗުގެ 41 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އަބްދުﷲ އަލް އަމްރީއެވެ.
މެޗުގެ ފުރަތަމަ ހާފް ސައުދީން ކުރީގައި އޮވެގެން ނިންމާލި ނަމަވެސް ދެވަނަ ހާފްގައި އުރުގުއޭޢިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މިގޮތުން، އެޓީމުން ދެވަނަ ހާފްގައި ސައުދީގެ ގޯލަށް އަމާޒުކޮށް 28 ޝޮޓް ފޮނުވާލި އިރު މެޗުގެ ނަތީޖާ އެއްވަރު ކުރެވުނީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށެވެ.
މިލަނޑު އުރުގުއޭއަށް ކާމިޔާބުކޮށް ދިނީ މެކްސީ އަރޯހޯއެވެ.
މި ގްރޫޕްގައި ރޭ ސްޕެއިންއާ ކާޕޯ ވާޑޭ ކުޅުނު މެޗު 0-0 އިން އެއްވަރުވުމުން މި ގްރޫޕުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގްރޫޕްގައި ހިމެނޭ 4 ޓީމަށް ވެސް އެބައޮތެވެ.
ގިނަ ހުރަސްތަކާއެކު ވޯލްޑްކަޕަށް އައި އީރާނުން ބަލި ގަބޫލުކުރަން ހެދީ ދެކޮޅު
މިއަދު ހެނދުނު ރާއްޖޭ ގަޑިން 6 ޖެހި އިރު ކުޅުނު މެޗުގައި ވާދަކުރީ ނިއުޒިލޭންޑާ އީރާނެވެ. ގްރޫޕް ޖީގެ މިމެޗު ފެށިގެން 7 މިނެޓްގެ ތެރޭގައި ނިއު ޒިލޭންޑުން ލަނޑު ޖަހާ ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެލައިޖާ ޖަސްޓެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިނުނިމެނީސް އީރާނުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ރާމިން ރަޒިއަންއެވެ.
ދެވަނަ ހާފްގައި ވެސް ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 54 ވަނަ މިނެޓްގައި ނިއުޒިލޭންޑުން އަނެއްކާވެސް މެޗުގެ ލީޑު ނެގިއެވެ. މިލަނޑު ވެސް އެޓީމަށް ޖަހާ ޖަސްޓެވެ.
އެހެން ނަމަވެސް އޭނގެ 10 މިނެޓް ފަހުން އަނެއްކާވެސް އީރާނުން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. ރަޒިއަންގެ އެސިސްޓަކުން މިލަނޑު އީރާނަށް ޖަހާ ދިނީ މޮހެބިބްއެވެ.
މިމެޗު 2-2 އިން އެއްވަރުވި އިރު މި ގްރޫޕްގައި ދެން ކުޅުނު މެޗުގައި ބެލްޖިއަމް އާއި އިޖިޕްޓްވެސް ވީ އެއްވަރެވެ.
