މިހާުރު ކުރިއަށްދާ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ޖީގައި މިރޭ ބެލްޖިއަމްއާ އިޖިޕްޓް ވާދަކޮށް ކުރި މެޗު އެއްވަރުވެއްޖެއެވެ. ގްރޫޕް ޖީގެ ފުރަތަމަ މެޗު އެއްވަރުވީ 1-1 އިންނެވެ.

ދެޓީމުގެ ފަާރާތުން ވެސް ހަލުވި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިޖިޕްޓުންނެވެ. މެޗުގެ 19 ވަނަ މިނެޓްގައި އިޖިޕްޓުން ޖެހި މިލަނޑު ކާމިޔާބުކޮށް ދިނީ މިޑްފީލްޑަރު އަޝޫރެވެ. މިއީ އަޝޫރު ގައުމީ ޓީމަށް ލަނޑެއް ޖަހާ ދިން ފުރަތަމަ ފަހަރެވެ.

މިއީ އަޝޫރު މިސްރަށް ޖަހާ ދިން ފުރަތަމަ ލަނޑު/ފޮޓޯ: އެކްސް

އިޖިޕްޓްގެ ލަނޑަށް ފަހު ބެލްޖިއަމުން އެޓޭކް ވަރުގަދަކުރި އިރު އެޓީމުން ވަނީ އިޖިޕްޓުގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމިގެން ދިޔައީ އިޖިޕްޓް ކުރީގައި އޮވެގެންނެވެ. މިއީ ވޯލްޑްކަޕް މެޗެއްގެ ފުރަތަމަ ހާފް ކުރީގައި އޮވެގެން އިޖިޕްޓުން ނިންމާލި ފުރަތަމަ ފަހަރެވެ.

ދެވަނަ ހާފްގައި ވެސް ދެ ފަރާތުން ނުރައްކާތެރި ހަމަލާތައް އުފެއްދިއެވެ. ހާއްސަކޮށް ލީޑު ނަގައިގެން އޮތް އިޖިޕްޓުން ވަނީ ބެލްޖިއަމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ މެޗުގެ 66 ވަނަ މިނެޓްގައި ގައުމީ ޓީމުގެ ޖާޒީގައި ބެލްޖިއަމްއަށް އެންމެ ގިނަ ލަނޑު ޖަހާ ދިން ރޯމަލޫ ލުކާކޫ އެރުވުމާއެކުއެވެ. މިގޮތުން، އެއަށް ފަހު ބެލްޖިއަމްއިން އުފެއްދި އެންމެ ފުރަތަމަ ހަމަލާވެސް ލުކާކޫގެ ހުޝިޔާރު ކަމުން ކާމިޔާބުވެ އެޓީމުން ނަތީޖާ ހަމަހަމަކުރިއެވެ. ބެލްޖިއަމްގެ މިލަނޑަކީ އިޖިޕްޓުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ މުބާރާތުގައި މިހާތަނަށް ބައިކޮޅަށް ވަތް ތިން ވަނަ ގޯލެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގައި ބައިކޮޅަށް ޖެހީ އެންމެ ދެ ގޯލެވެ.

މެޗު ނިމެން ދިޔަ އިރު ދެ ޓީމުން ވެސް މެޗުން މޮޅުވާން މަސައްކަތް ކުރި ނަމަވެސް މެޗުގެ ގަޑި ހަމަވީ އިރު ދެ ޓީމަށް ޖެހުނީ ޕޮއިންޓް ބަހާލަންށެވެ. އަދި މި ގްރޫޕްގައި ހިމެނޭ އީރާން އަދި ނިއު ޒިލޭންޑް ކުޅެންދެން މި ދެޓީމު އޮންނަނީ ތާވަލުގެ އެއްވަނަ އަދި ދެވަނައިގައެވެ. އީރާނާ ނިއުޒިލޭންޑް ކުޅޭ މެޗު އޮންނަނީ މާދަމާ ހެނދުނު ރާއްޖޭ ގަޑިން 6 ޖަހާ އިރެވެ.