ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ޕޯޓަލްއަށް ދިމާވި މައްސަލަ ހައްލުކޮށް މުއްދަތު އިތުރުކޮށްފިއެވެ.

މި ބޮޑު މަޝްރޫއަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިރޭގެ 23:59 ނިންމި ނަމަވެސް މިރޭ 22:00 ހާއިރު ވަނީ ޕޯޓަލް ޑައުންވެފައެވެ. ހައުސިންގް މިނިސްޓްރީން ބުނި ގޮތުގައި ޕޯޓަލް ޑައުންވެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މިނިސްޓްރީން ބުނީ، "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކޮށް ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން މި ސްކީމްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު މިރޭ ދަންވަރު 2:00އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

އެންމެ ފުރަތަމަ ނިންމާފައި ވާގޮތުން ނަމަ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާން އޮތީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ވަނީ އެ މަހުގެ 30ގެ ނިޔަލަށް އިތުރުކޮށްފައެވެ. އެއަށްފަހު އަނެއްކާވެސް ޖޫން 15ގެ ނިޔަލަށް ވަނީ މުއްދަތު އިތުރުކޮށްފައެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި އަލަށް ތަރައްޤީކުރާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ދޫކޮށްލާ ފަރާތްތަކަށް 1,500 ގޯތި ހާއްސަކޮށްފައިވެއެވެ.

ފްލެޓް ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 7,900 ފްލެޓެވެ. މީގެ ތެރެއިން 4,000 ފްލެޓް މާލޭ ރަށްވެހިންނަށް، 1,500 ފްލެޓް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް، އަދި 2,400 ފްލެޓް ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް ވަނީ ކަނޑައަޅާފައެވެ.

މި ފަހަރުގެ ސްކީމްގައި އުސޫލުތަކަށް ބައެއް ލުއިތައް ވެސް ވަނީ ގެނެސްފައެވެ. އެގޮތުން ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް އަނެކާއަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލު ގެނެސް، އެ ފަރާތްތަކަށް ވެސް ފުރުސަތު ވަނީ ފުޅާކޮށްފައެވެ.