މިފަހަރު އަލަށް ވޯލްޑްކަޕްގައި ކުޅޭ އެފްރިކާގެ ގައުމެއް ކަމަށްވާ ކާޕޯ ވާޑޭއިން އެޓީމުގެ ފުރަތަމަ މެޗުގައި ސްޕެއިންއާ ކުޅެ 0-0 އިން މެޗު އެއްވަރުކޮށްފިއެވެ.

މިއީ މިމުބާރާތުގައި މިހާތަނަށް ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ މެޗެވެ.

މުޅި މެޗުހެން ސްޕެއިންއިން ކޮންޓްރޯލްކޮށްގެން ކުޅެމުން ދިޔަ އިރު ކާޕޯ ވާޑޭއިން ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކާފައެވެ. މިގޮތުން، އެޓީމުގެ ކީޕަރު އުމުރުން 40 އަހަރުގެ ވޮޒިންޔާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްދީފައެވެ. ސްޕެއިންއިން ހުއްޓުމެއް ނެތި ހަމަލާތައް އުފައްދަމުން ދިޔަ އިރު ވޮޒިންޔާ ވަނީ ގޯލަށް ވަންނަން ދިޔަ އެތަށް ބޯޅައެއް ހުއްޓުވާފައެވެ.

ވޮޒިންޔާ ވަނީ މެޗުގައި މުހިއްމު 7 ސޭވެއްކޮށްފައި/ފޮޓޯ: އެކްސް

މުޅި މެޗުގައި ސްޕެއިންއިން 27 ހަމަލާ އުފެއްދި އިރު މީގެ ތެރެއިން 7 ހަމަލާއެއް ސީދާ ގޯލާ އަމާޒުވިއެވެ. މި ހަމަލާތަކަކީ މުޅިން ވެސް ވޮޒިންޔާ ހުއްޓުވި ހަމަލާތަކެވެ. މިއާއެކު އޭނާ ވަނީ ރިކޯޑް ފޮތަށް ވެސް އަރާފައެވެ. ވޮޒިންޔާ ވެގެން ދިޔައީ ވޯލްޑްކަޕް މެޗެއްގައި ކުޅުނު އުމުރުން 40 އަހަރުން މަތީގެ ކީޕަރުންގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ސޭވް ކުރި ކީޕަރަށެވެ.

ސްޕެއިންގެ ކުޅުންތެރިން މިމެޗުގައި 30 އަށް ވުރެ ގިނަ ހަމަލާ އުފެއްދި/ފޮޓޯ: އެކްސް

މި މެޗުގައި ކާޕޯ ވާޑެ ޑިފެންޑަރުންގެ ފަރާތުން ވެސް ހިތްވަރުގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު ގޯލަށް ވަންނަން ދިޔަ 8 ޝޮޓެއް އެޓީމުގެ ޑިފެންޑަރުން ހުއްޓުވިއެވެ.

މިރޭގެ މެޗު އެއްވަރުވުމާއެކު ދެޓީމު ވެސް މިވަގުތު އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައެވެ. މިގްރޫޕްގެ ދެވަނަ މެޗު ކުޅެނީ މިރޭ ރާއްޖޭ ގަޑިން މެންދަމު 3 ޖަހާ އިރެވެ.