އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕަކީ އެންމެ ގިނަ ޓީމު ބައިވެރިވާ ވޯލްޑްކަޕަށް ވާ އިރު 12 ގްރޫޕެއްގައި 48 ޓީމު މިމުބާރާތުގައި ވާދަކުރެއެވެ. ގްރޫޕް މެޗުތައް ފޯރިއާއެކު ފަށައިގެން ކުރިއަށްދާ އިރު މުބާރާތުގެ ގްރޫޕް ޖީގެ ހަތަރު ޓީމުގެ ކުޅުން މިރޭ ރާއްޖޭ ގަޑިން 12 ޖެހުމަށް ފަހު ފެނިގެންދާނެއެވެ. މި ޓީމުތަކުގެ ތެރޭގައި ބެލްޖިއަމް، މިސްރު، ނިއުޒިލޭންޑް އަދި މުބާރާތުގައި އެންމެ ގިނަ ފިއްތުންތައް ތަހަމައްލުކުރަމުންދާ އީރާނު ހިމެނެއެވެ.

ބެލްޖިއަމް

ޑެބްރައިނާ އަދި ޑޮކޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވޭ/ފޮޓޯ: އެކްސް

މިއީ ބެލްޖިއަމް ވޯލްޑްކަޕް މުބާރާތަކުން ފެންނާނެ 15 ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެން ދިޔައީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް މުބާރާތުންނެވެ. އެފަހަރުގެ ސެމީއަށް ދަތުރުކުރި ބެލްޖިއަމް ވަނީ މުބާރާތުގެ ތިން ވަނަ ހޯދާފައެވެ.

ބެލްޖިއަމްއަކީ މިފަހަރު ވެސް ވިދާލާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ޓީމެކެވެ. ފުޓްބޯޅައިގެ ބޮޑު ބާރަކަށް ނުވި ކަމުގައި ވިޔަސް އެޓީމުގައި ވެސް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ފުރަތަމަ 11 އިން ޖާގަ ހޯދާނެ ކުޅުންތެރިން އެބަތިއްބެވެ. މިގޮތުން، ރިއާލް މެޑްރިޑްގެ ކީޕަރު ޓީބޯ ކޯޓުއާ، އިޓަލީގެ ނަޕޮލީއަށް މިހާރު ކުޅޭ މިޑްފީލްޑަރު ކެވިން ޑެބްރައިނާ އަދި އިންގްލޭންޑްގެ ސިޓީއަށް ކުޅޭ ޖެރަމީ ޑޯކޫ ހިމެނެއެވެ.

ބެލްޖިއަމް މިފަހަރުގެ ވޯލްޑްކަޕް ފަށާނީ މިރޭ މިސްރާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

އިޖިޕްޓް

މިއީ ސަލާހްގެ ފަހު ވޯލްޑްކަޕަށް ވުން ގާތް/ފޮޓޯ: އެކްސް

ވޯލްޑްކަޕް 2026 އަކީ އިޖިޕްޓްގެ ތާރީހުގައި އެގައުމުން ވާދަކުރާ ހަތަރު ވަނަ ވޯލްޑްކަޕެވެ. މީގެ ކުރިން ކުޅުނު އެއްވެސް ވޯލްޑްކަޕެއްގައި އެންމެ މެޗަކުން ވެސް އެޓީމު މޮޅުވެފައި ނުވާ އިރު މިފަހަރުގެ މުބާރާތުގައި މިހާތަނަށް އައިސްފައިވާ ނަތީޖާތަކަށް ބަލާ އިޖިޕްޓަށް ހިތްވަރު ލިބިގެންދާނެއެވެ. މިގޮތުން، 36 އަހަރު ފަހުން ސްކޮޓްލޭންޑަށް ވޯލްޑްކަޕްގެ މެޗެއް ކާމިޔާބުކުރެވުނު އިރު 2022 ވަނަ އަހަރުގެ މުބާރާތް އޮތް ގަތަރު މިފަހަރު ވަނީ ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގައި ޕޮއިންޓެއް ހޯދާފައެވެ.

ގްރޫޕް ސްޓޭޖްގައި ރަނގަޅު ކުޅުމެއް ދެއްކުމަށް އިޖިޕްޓަށް ލިބޭ އަނެއް ހިތްވަރަކީ، މިއީ އެގައުމުގެ އެންމެ މަގްބޫލު ކުޅުންތެރިޔާ އަދި މިދިޔަ ސީޒަންގައި ލިވަޕޫލާ ވަކިވި މުހައްމަދު ސަލާހްގެ ވަދާއީ ވޯލްޑްކަޕަށް ވުމެވެ. އުމުރުން 33 އަހަރުގެ ސަލާހްގެ ކުޅުމުން އޭނާގެ އުމުރު މިހާރުވެސް ފާހަގަވާ އިރު ހަތަރު އަހަރު ފަހުން އޮންނަ ވޯލްޑްކަޕުގައި ސަލާހް މިސްރު ލީޑު ކުރުމަކީ ނާދިރު ކަމެކެވެ.

މިފަހަރު މިސްރު ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.

ނިއުޒީލޭންޑް

ނިއުޒިލޭންޑްގެ ތަޖުރިބާކާރު ސްޓްރައިކަރު ކްރިސް ވުޑް/ފޮޓޯ: އެކްސް

ނިއުޒީލޭންޑް މީގެ ކުރިން ދެ ވޯލްޑްކަޕެއްގައި ކުޅެފައިވާ އިރު ދެ ފަހަރު ވެސް އެޓީމުން ނެރެފައިވަނީ ތަފާތު ދެ ނަތީޖާއެކެވެ. މިގޮތުން 1980 ވަނަ އަހަރު ސްޕެއިންގައި އޮތް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ނިއުޒިލޭންޑް ބަލިވިއެވެ. އަނެއްކޮޅުން، 2010 ވަނަ އަހަރު ސައުތްއެފްރިކާގައި ކުޅުނު މުބާރާތުގައި ވާދަކުރި ހުރިހާ މެޗަކުން ނިއުޒިލޭންޑްވީ އެއްވަރެވެ. އެހެން، ކަމުން މި ފަހަރުމީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވާނެ ފަހަރު ކަމަށް ނިއުޒިލޭންޑްގެ ސަޕޯޓަރުން އުއްމީދުކުރެއެވެ.

ނިއުޒިލޭންޑް ވޯލްޑްކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އީރާނާ ދެކޮޅަށެވެ.

އީރާން

އީރާނުގެ ކުޅުންތެރިން މެޗުގެ ކުރިން އެމެރިކާގައި ފަރިތަކުރުންތަކުގައި ބައިވެރިވަނީ/ފޮޓޯ: އެކްސް

މި ވޯލްޑްކަޕް ކޯ-ހޯސްޓް ކުރާ އެއް ގައުމު ކަމަށްވާ އެމެރިކާއާއެކު އީރާނުން ހަނގުރާމައެއް ކުރަމުންދާ އިރު މި ސަބަބަށްޓަކައި އީރަނު މިވަނީ ތާރީހުގެ ފޮތްތަކަށް ވެސް އަރާފައެވެ. އެއީ މިއީ، ވޯލްޑްކަޕްގެ ތާރީހުގައި ވެސް މުބާރާތް ހޯސްޓް ކުރާ ގައުމަކާ މުބާރާތުގައި ވާދަކުރާ ޓީމަކާ ސީދާ ކުރިމަތިލުންތައް ލަމުންދާ ފުރަތަމަ ފަހަރެވެ.

ހަނގުރާމައިގެ ސަބަބުން އީރާނަށް ގިނަ ފިއްތުންތައް ކުރިމަތިވެފައިވާ އިރު މިކަމުގެ ސަބަބުން އީރާނު ޓީމުގެ ކުޅުމަށް ބުރޫއަރާފާނެ ކަމަށް ވަނީ ބެލެވިފައެވެ. ހާއްސަކޮށް އީރާނުގެ ހުރިހާ މެޗެއް އެމެރިކާގައި ކުޅެން އޮތް އިރު މެކްސިކޯގައި ކޭމްޕް ކުރަން ޖެހުމާ މެޗު ކުޅޭތާ 24 ގަޑި އިރުގެ ތެރޭގައި އެމެރިކާއިން ފައިބަން ޖެހުމަކީ ކުޅުންތެރިންނަށް އެކަމުން އަސަރުކޮށްފާނެ ކަންކަން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އަދި އީރާނުގެ މެޗުތައް ބެލުމަށް ޓިކެޓް ނެގި އެގައުމުގެ ގިނަ ރައްޔިތުންގެ މެޗު ޓިކެޓްތައް އެމެރިކާއިން ކެންސަލްކޮށްފައިވާ އިރު އަސްކަރީ ހަނގުރާމައެއް ކުރަމުންދާ ގައުމެއްގެ ބިމުގައި އަމިއްލަ ސަޕޯޓަރުންނާ ނުލާ ވާދަވެރި ކުޅުމެއް ދެއްކުން އީރާނަށް ވާނީ އުނދަގޫ ކަމަކަށެވެ.

ގްރޫޕް ޖީގެ ފުރަތަމަ މެޗުތައް

  • ބެލްޖިއަމް އަދި އިޖިޕްޓްގެ މެޗު އޮތީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރު
  • ނިއުޒިލޭންޑާ އީރާނު ވާދަކުރާ މެޗު އޮތީ ރާއްޖޭ ގަޑިން މާދަމާ ހެނދުނު 6 ޖަހާ އިރު