އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ފަށައިގެން ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026 ގައި މިރޭ އަކީ ފޯރިގަދަ މެޗުތަކެއް އޮތް ރެއެކެވެ. މި ގޮތުން، މިރޭ ދަންވަރު ރާއްޖޭ ގަޑިން 12 ޖަހާ އިރު ފެށިގެން ފުލުފުލުގައި ހަތަރު މެޗެއް ކުޅޭނެ އިރު މިއީ އެކި އެކި ގްރޫޕްތަކުގެ މެޗުތަކެވެ.
ދަންވަރު 12 ޖަހާ އިރު ގަތަރާ ސުވިޓްޒަލޭންޑް
މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރު ކުޅޭނީ 2022 ވަނަ އަހަރުގެ މުބާރާތް ބޭއްވި ގަތަރާ ސުވިޓްޒަލޭންޑެވެ. ގްރޫޕް ބީގެ މިމެޗަކީ މި މުބާރާތުގައި މި ދެޓީމުގެ ފުރަތަމަ ފެނިލުމެވެ. މި ގްރޫޕްގެ އަނެއް ދެ ޓީމު ކަމަށްވާ މުބާރާތުގެ ކޯ-ހޯސްޓް ކެނެޑާ އަދި ބޮސްނިއާ ވާދަ ކުރި މެޗު ރޭ ވީ 1-1 އިން އެއްވަރެވެ. އެހެން ކަމުން މިރޭގެ މެޗު ކާމިޔާބުކޮށްގެން ގަތަރު އަދި ސުވިޓްޒަލޭންޑަށް ވެސް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
ބްރެޒިލް އަދި 2022 ވަނަ އަހަރުގެ ސެމީ ފައިނަލިސްޓުން ކަމަށްވާ މޮރޮކޯގެ ކުރިމަތިލުން 3 ޖަހާ އިރު
ދިވެހިންގެ މެދުގައި އެންމެ މަގްބޫލު އެއް ޓީމު ކަމަށްވާ ބްރެޒިލް މިމުބާރާތުގައި ކުޅޭ ފުރަތަމަ މެޗު އޮތީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 3 ޖަހާ އިރެވެ. މިމެޗުގައި ބްރެޒިލް ވާދަކުރާނީ ގަތަރުގައި މީގެ ހަތަރު އަހަރުން ކުރި ބޭއްވި ވޯލްޑްކަޕްގައި އެންމެ ގިނަ ބައެއްގެ ލޯބި ހޯދި މޮރޮކޯއާއެވެ. މިއީ ގްރޫޕް ސްޓޭޖްގެ ފުރަތަމަ ރައުންޑްގެ މެޗުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާ ހިތުން ތިބި ކުރިމަތިލުމެވެ. މިއީ ގްރޫޕް ސީގެ ފުރަތަމަ މެޗަށްވާ އިރު މިމެޗު ކުޅޭނީ އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައެވެ.
މިރޭގެ މެޗުގައި ބްރެޒިލްގެ ނެއިމާއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ބްރެޒިލްގެ ވޯލްޑްކަޕް ސްކޮޑުގައި އޭނާ ހިމެނުނަސް އިންޖަރީއަކާ އެކު މުބާރާތާ ކުރިމަތިލީ ނޭމާއަށް އެންމެ އަވަހަށް ވެސް ކުޅެވޭނީ ގްރޫޕް ސްޓޭޖް ނިމުމުން ކަމަށް ވެސް ބްރެޒިލްގެ މީޑިއާއިން ވަނީ ބުނެފައެވެ.
ސްކޮޓްލޭންޑް އަދި ހައިޓީގެ މެޗު ހެނދުނު 6 ޖަހާ އިރު
ގްރޫޕް ސީގެ މިމެޗަކީ މި މުބާރާތުގައި މި ދެޓީމުން ވެސް ކުޅޭ ފުރަތަމަ މެޗެވެ. މިމެޗުގެ ކުޅުން ފަށާނީ މާދަމާ ހެނދުނު ރާއްޖޭ ގަޑިން 6 ޖަހާ އިރެވެ. މިމެޗުގެ ކުޅުން އޮތީ އެމެރިކާގެ މެސަޗޫސެޓްގެ ފޮކްސްބޮރޯގައި ހުންނަ ޖިލެޓް ސްޓޭޑިއަމްގައެވެ.
މާދަމާ ހެނދުނު 9 ޖަހާ އިރު ވެސް މެޗެއް
މުބާރާތް އޮންނަ އުތުރު އެމެރިކާގެ ތިން ގައުމާ އޭޝިޔާގެ ގައުމުތަކާ ދެމެދު ގަޑީގެ ބޮޑު ތަފާތެއް އޮންނަ އިރު ގްރޫޕްގެ ޑީގެ ދެވަނަ މެޗު ކުޅޭނީ މާދަމާ ހެނދުނު ރާއްޖެ ގަޑިން 9 ޖަހާ އިރެވެ. މިމެޗުގައި ވާދަކުރާނީ އޮސްޓްރޭލިޔާއާ ތުރުކީއެވެ. ގްރޫޕްޑީގައި މިއަދު ހެނދުނު މުބާރާތް އޮންނަ އެއް ގައުމު ކަމަށްވާ އެމެރިކާއާ ޕެރަގުއޭ ވާދަކުރި މެޗު 4-1 އިން އެމެރިކާ ކާމިޔާބުކުރި އިރު އެޓީމު މި ވަގުތު އޮތީ 3 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ.
އޮސްޓްރޭލިޔާ އަދި ތުރުކީ ވާދަކުރާ މެޗަށް ފަހު ވޯލްޑްކަޕްގެ މެޗެއް ދެން އޮންނާނީ މާދަމާ ރޭ ރާއްޖޭ ގަޑިން ރޭގަނޑު 10 ޖަހާ އިރެވެ. އެމެޗުގައި ވާދަކުރާނީ ގްރޫޕް އީގެ ޖާމަނީ އަދި އަލަށް ކުޅޭ ކިއުރެސާއޯއެވެ.
