އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ސަރުކާރުގެ ކުންފުނިތަކުން ބަޔަކު ވަކިކުރި ކަމަށް ތުހުމަތު ކުރައްވައި، ވަޒީފާ މިއަދުގެ ނިޔަލަށް އިޔާދަނުކޮށްފިނަމަ، ސީދާ ހަރަކާތަށް ނުކުމެ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް ހިސޯރުކުރާނެ ކަމުގެ ވަރުގަދަ އިންޒާރެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަންގެ ހައިސިއްޔަތުން، އިންތިހާބީ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމެއްގެ ހަޔާތުގައި އެ ގައުމު އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުކޮށްލާނެ މުހިންމު ދަނޑިވަޅުތަކެއް އަންނާނެ ކަމަށާއި، ރާއްޖެ މިހާރު އޮތީ އެފަދަ ތާރީހީ މުހިންމު ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން މިހާރު އޮތް ސަރުކާރު ބަދަލުކުރުމަށާއި، ދައުލަތް ޖަވާބުދާރީ ކުރުވުމަށްޓަކައި ސިޔާސީ މައިދާނުގައި ތިއްބެވި ހުރިހާ ވާދަވެރި ފަރާތްތަކުން އެކުގައި އަތުގުޅާލައިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ގޮވަލައްވާފައެވެ.
ނަޝީދު ވިދާޅުވީ، އިންތިހާބުގެ ތެރޭގައި އެމަނިކުފާނަށް ތާއީދުކުރުމުގެ ސަބަބުން ސަރުކާރުގެ އެކި ކުންފުނިތަކުންނާއި މަގާމުތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށް، ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ސިޔާސީ ފިކުރަށް ބަލައިގެން ރައްޔިތުންނާ މެދު ބޭއިންސާފުން އަމަލު ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ފަރާތްތަކަށް ލިބުނު ބޭއިންސާފު މިއަދުގެ ނިޔަލަށް އިއާދަކުރަން ކުރަންޖެހޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ސަރުކާރަށް އިންޒާރު ކުރެއްވިއެވެ.
ނަޝީދު އެހެން ވިދާޅުވި އިރު، ސަރުކާރާ ގުޅުމެއް ނެތް، އެމްޑީޕީގެ އެތެރޭގެ އިންތިިހާބާ ގުޅިގެން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކި ކުރިކަމުގެ ސާފު ރެކޯޑެއް ހާމަ ކުރައްވާފައެއް ނުވެއެވެ. އަދި 'ދަ ޕްރެސް' އަށް ވެސް އެކަން ސާބިތު ކުރެވިފައެއް ނުވެއެވެ.
ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީއަކީ އަބަދުވެސް ތަފާތު ގޮންޖެހުންތަކާއި ނުރައްކާތަކާ ކުރިމަތިލާންޖެހޭ ޕާޓީއެއް ކަމަށާއި، ނަމަވެސް އެއްވެސް އިރެއްގައި އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި މި އިންތިހާބާއެކު އެމްޑީޕީ އަލުން އާންމު މެންބަރުންގެ ޕާޓީއަކަށް ބަދަލުވެފައިވާ ކަމަށާއި، މިއީ ވަކި މީހެއްގެ ނުފޫޒު އޮތް ޕާޓީއެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހި ގައުމުގެ ސަލާމަތާއި، ރައްކާތެރިކަމާއި، ތަނަވަސްކަމާއި އަދި މިނިވަންކަމަށްޓަކައި އަބަދުވެސް ސާބިތުކަމާއެކު ތެދުވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއާއި އިންސާފަށްޓަކައި ކުރަންޖެހޭ މަސައްކަތުގައި އެމްޑީޕީން އަބަދުވެސް އިސްނަގާނެ ކަމަށެވެ.
