ވޯލްޑްކަޕް 2026 ގެ ގްރޫޕް އޭގެ ދެވަނަ މެޗު ސައުތް ކޮރެއާ ކާމިޔާބުކޮށްފިއެވެ. ސައުތް ކޮރެއާއާ ޗެކިއާ ވާދަކުރި މިމެޗު އެޓީމުން ކާމިޔާބުކުރީ ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.
މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ހަމަލާތައް ގިނައިން އުފައްދާފައިވަނީ ސައުތް ކޮރެއާއިންނެވެ. މިގޮތުން ކެޕްޓަން ހިއުމިންގް ސޮންއަށް ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް މި ފުރުސަތުތަކުގެ ބޭނުން ނުހިފި ދިޔަ އިރު މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފްގައި ސައުތް ކޮރެއާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. މިގޮތުން ޗެކިއާގެ ގޯލަށް އެޓީމުން ފުލުފުލުން ހަމަލާތައް ފޮނުވާލި އިރު ޗެކިއާގެ ކީޕަރު ކޯވާ ވަނީ ހުޝިޔާރު ސޭވްތަކެއްކޮށްފައެވެ.
މިމެޗުގައި ޖެހި ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ކުޅުމުގެ އޮއިވަރާ ހިލާފަށެވެ. މިގޮތުން، ޗެކިއާ ލިބުނު އެއްލުމެއްގައި ކޮރެއާގެ ޕެނަލްޓީ އޭރިއާއަށް މަތިން އައި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެ ޗެކިއާގެ ކެޕްޓަން ކްރެއިކީ އެޓީމަށް ލީޑު ނަގާ ދިނެވެ.
ޗެކިއާއިން ލަނޑު ޖެހި ތާ މާ ގިނަ އިރުތަކެއް ނުވެ ކޮރެއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މިގޮތުން، މުޅި މެޗުގައި ވެސް މޮޅަށް ކުޅެމުން އައި ހުވާންގް އިން-ބިއޯމް ޖަހާ ދިނީ ރީތި ލަނޑެކެވެ.
އެއަށް ފަހު މެޗުގައި ދެން ލަނޑުޖެހީ ޗެކިއާއިންނެވެ. ލިބުނު ހިލޭ ޖެހުމަކުން ނަގާ ދިން ބޯޅަ ބޮލުން ޖަހާ ތޯމަސް ސޫޗެކް ޖެހި ގޯލު މެޗުގެ ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ދެން މެޗުގައި ލަނޑު ޖެހީ ސައުތް ކޮރެއާއިންނެވެ. މިފަހަރު އިން-ބިއޯމްގެ ނަގާ ދިން ހުރަހެއް ގޯލުުގެ ތެރެއަށް ވައްދާލައިގެން ކޮރެއާއަށް މެޗުގައި ލީޑު ނަގާ ދިނީ ދެވަނަ ހާފްގައި ކުޅެން އެރި ގިއު-ހިއުކްއެވެ.
2-1 ގެ ސްކޯއަކުން ކޮރެއާ މޮޅުވެގެން މެޗު ނިމުނު އިރު އެޓީމު މިވަނީ ގްރޫޕް އޭގެ ތާވަލުގެ ދެވަނައަށް އަރާފައެވެ. އެއްވަނައިގައި އޮތް މެކްސިކޯއާ އެއްވަރަށް ކޮރެއާއަށް ޕޮއިންޓް ލިބިފައިވާ ނަމަވެސް މެކްސިކޯ ކުރީގައި އޮތީ ބައިކޮޅަށް ވަތް ގޯލުގެ ތަފާތުންނެވެ.
ދެން މި ގްރޫޕްގައި ކޮރެއާ ވާދަކުރާނީ މެކްސިކޯއާއެވެ. އަދި ޗެކިއާ ކުޅެން ޖެހޭނީ މުބާރާތުގެ ފުރަތަމަ މެޗު ބަލިވި ސައުތް އެފްރިކާއާއެވެ.
ވޯލްޑްކަޕް 2026ގެ ގްރޫޕް ބީގެ ފުރަތަމަ މެޗު މިރޭ ރާއްޖޭ ގަޑިން ދަންވަރު ބާރަ ޖަހާ އިރު އޮންނާނެއެވެ. އެމެޗުގައި ކުޅޭނީ ކޯ-ހޯސްޓް ކެނެޑާ އަދި ބޮސްނިއާއެވެ.
