މެކްސިކޯގައި މިރޭ ފެށި ފީފާ ވޯލްޑްކަޕް 2026ގެ ފުރަތަމަ މެޗުގައި މެކްސިކޯއާ ސައުތް އެފްރިކާ ވާދަ ކުރި މެޗު 2-0 އިން މެކްސިކޯ ކާމިޔާބުކޮށްފިއެވެ. މިމެޗުގައި ތިން ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

މިގޮތުން، މެޗުގެ ރެފްރީ ވަނީ ސައުތް އެފްރިކާގެ ދެކުޅުންތެރިންނަށާއި މެކްސިކޯގެ އެއް ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފައެވެ. މި ތިން ކުޅުންތެރިންނަށް ވެސް ދައްކާފައިވަނީ ސީދާ ތިން ރަތްކާޑެވެ. މިއީ 1998 ގެ ފަހުން ވޯލްޑްކަޕް މެޗެއްގައި ތިން ކުޅުންތެރިއަކަށް ސީދާ ރަތް ކާޑު ދެއްކި ފުރަތަމަ ފަހަރެވެ.

ފޯރިގަދަ އޯޕަނިންގް ސެރަމަނީއަކަށް ފަހު މެކްސިކޯ އެޒްޓެކް ސްޓޭޑިއަމްގައި ފެށިގެން ދިޔަ މިމެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފައްދާ ހެދީ މެކްސިކޯއިންނެވެ. އަދި ނަތީޖާއަކަށްވީ މެޗުގެ 9 ވަނަ މިނެޓްގައި އެޓީމުން ލަނޑު ޖަހާ ލީޑު ނެގުމެވެ. މިއީ ވޯލްޑްކަޕްގެ ފުރަތަމަ މެޗެއްގައި ޖެހި އެންމެ އަވަސް ލަނޑުވެސްމެއެވެ.

މެޗުގެ ފުރަތަމަ ހާފް 1-0 އިން މެކްސިކޯ ކުރީގައި އޮވެގެން ނިންމާލި އިރު ދެވަނަ ހާފްގައި ފެށިތަނާހެން ސައުތް އެފްރިކާގެ ޔާޔާ ސިތޯލޭއަށް ސީދާ ރަތްކާޑެއް ދެއްކިއެވެ. އެއީ ގޯލު ޖަހަން މެކްސިކޯއަށް ލިބުނު ހުސް ފުރުސަތަކަށް ހުރަސް އެޅުމުގެ ސަބަބުންނެވެ.

އެއަށް ފަހު ދެން ފެނިގެން ދިޔައީ މެކްސިކޯގެ ދެވަނަ ލަނޑެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިންގްލޭންޑްގެ ފުލަމްއަށް ކުޅޭ ރާއުލް ހިމެނޭޒްއެވެ. މިއީ ހިމެނޭޒް ގައުމީ ޓީމަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.

މެކްސިކޯގެ ހިމެނޭޒް ގޯލު ޖަހާފައި އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

ސައުތް އެފްރިކާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުޅުން ވަރުގަދަ ކުރި ނަމަވެސް އެޓީމުގެ ޒްވާނޭ އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ނުރައްކާތެރި ފައުލެއް ކުރި ކަމަށް ވީއޭއާރުން އެންގުމުން ދަނޑުގައި ހުރި މޮނިޓަރު ބެލުމަށް މެޗުގެ ރެފްރީ ވަނީ އޭނާއަށް ވެސް ސީދާ ރަތްކާޑެއް ދައްކާފައެވެ.

މެޗުގެ 20 އަކަށް މިނެޓް ސައުތް އެފްރިކާއިން 9 ކުޅުންތެރިންނާއެކު ކުޅުނު އިރު އިތުރު ވަގުތުގައި މެކްސިކޯގެ ކުޅުންތެރިއަކަށް ދެއްކި ރަތްކާޑާއެކު ދަނޑުގައި ތިބި ކުޅުންތެރިންގެ ފަރަގު ކުޑަވެގެންދިޔައެވެ. މިގޮތުން، މެކްސިކޯގެ ކެޕްޓަން ސީޒާ މޮންޓޭޒްއަށް ވެސް މެޗުގެ ރެފްރީ ވިލްޓަން ސަމްޕަޔޯ ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. އެއީ ސައުތް އެފްރިކާއަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތެއްގައި އެޓީމުގެ ކުޅުންތެރިޔާއަށް ފައުލްކުރުމުންނެވެ.

ވޯލްޑްކަޕް 2026 ގެ ފުރަތަމަ މެޗުގައި ވެސް ތިން ރަތް ކާޑު ދެއްކި އިރު 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕްގައި ޖުމްލަ ދައްކާފައިވަނީ ހަތަރު ރަތްކާޑެވެ.

މިރޭގެ މެޗުން މޮޅުވެގެން ލިބުނު 3 ޕޮއިންޓާއެކު މެކްސިކޯ ގްރޫޕް އޭގެ އެއްވަނައިގައި އޮތް އިރު މި ގްރޫޕްގެ ދެވަަނަ މާދަމާ ރާއްޖޭ ގަޑިން ހެނދުނު 7 ޖަހާ އިރު ކުޅޭނެއެވެ. އެމެޗުގައި ވާދަކުރާނީ ސައުތް ކޮރެއާއާ ޗެކްރިޕަބްލިކްއެވެ.