ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައީސުލް ޖުމުހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ.
އެލްޖީއޭގެ ރައީސްކަން ކުރައްވަމުންދިޔައީ ދާދި ފަހުން ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މޫސާ ޒަމީރެވެ. އެއާއެކު އެ މަގާމަށް މިދިޔަ ހޯމަ ދުވަހު ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަންކޮށްފައިވާއިރު މިއަދު އޭނާ ވަނީ އެލްޖީއޭގެ ރައީސް ކަމަށްވެސް އައްޔަންކުރައްވާފައެވެ.
ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2010 އިން 2019 އަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިއުގެ މަގާމު 2007 އިން 2010 އަށް އަދާކުރެއްވި އެވެ.
ފިނޭންސް މިނިސްޓަރުކަމުން ޒަމީރު އިސްތިއުފާ ދެއްވިއިރު އޭނާ ދިޔައީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއާގެ މަގާމާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރައީސްކަން ކުރައްވަމުންނެވެ. އަދި އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރިގޮތުން ކަމަށް ރޭ ވަނީ ވިދާޅުވެފައެވެ.
މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީގެ އެކި ހަރަކާތްތަކުގެ އިތުރުން ރައީސް މުއިއްޒު ގޮވާލެއްވި ކޮންމެ ފަހަރަކު ގައުމަށް ހިދުމަތް ކުރުމުގައި ދެމި ހުންނާނެ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް ހުންނެވީ ރައީސް މުއިއްޒުގެ ފަހަތްޕުޅުގައިކަން ފާހަގަކޮށް ޒަމީރު ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އޭނާ ހުންނަވާނީ މުއިއްޒު އާއެކު ގަދަކޮށް ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.
