މާލެ އާއި ވިލިމާލެ ފަޅުތެރޭގައި، ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް އަޅާފައި އޮތް 20 އުޅަނދެއް، މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނީ މި އުޅަނދުތަކަކީ، ފަޅުތެރެ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށާއި، އާންމު އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ކުރެވުނު މަސައްކަތުގެތެރެއިން ފާހަގަކުރެވުނު އުޅަނދުތައް ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ވިލިމާލެ ފަޅުތެރެ ބެލިއިރު، ހުއްދަ ނުނަގައި އަޅާފައި އޮތް 17 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހައި ޖޫރިމަނާކޮށްފައެވެ.
މީގެ އިތުރުން، މާލެ ސިޓީގެ ވިލިމާލެ ފެރީގެ ނިޒާމަށް ދަތިވާގޮތަށް މާލެ ދެކުނު ހާބަރު (ސުނާމީ ބިނާ ސަރަހައްދު) ގައި ގަވާއިދާ ހިލާފަށް އަޅާފައި އޮތް ތިން އުޅަނދެއް ވެސް ވަނީ ޖޫރިމަނާކޮށްފައެވެ. މި އުޅަނދުތަކުގެ ސަބަބުން ފެރީ ދަތުރުތަކަށް ބުރޫއަރަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
މީގެ އިތުރުން ވެސް ކައުންސިލުން ވަނީ މި މަސައްކަތުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ ހާބާ އެންޑް މެނޭޖްމަންޓް ސެކްޝަނުން ކުރިއަށް ގެންދިޔަ މަސައްކަތުގައި ވިލިމާލެ ފުލުހުންގެ ޔުނިޓުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ފާހަގަކޮށްފައެވެ.
