މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ މީހުންނަށް ހާއްސަ ކެޓަގަރީއެއްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.
މި ބަދަލާއެކު، މައިމުޅަވެފައިވާ މީހުންގެ އިތުރުން، މައިމުޅަވެފައިވާ ކުދިން ބަލަހައްޓާ މައިންބަފައިންނަށް ވެސް މި ހާއްސަ ކެޓަގަރީގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މި ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕޯޓަލް މެދުވެރިކޮށެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ މި ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށެވެ.
އެގޮތުން މީގެ ކުރިން އާއިލާގައި މައިމުޅަވެފައިވާ ކުއްޖަކު ނުވަތަ މީހަކު ހުރުމުގެ ސަބަބުން އާމްދަނީ ހޯދުމަށާއި ގޯތިގެދޮރު މިލްކުކުރުމަށް ގިނަ އާއިލާތަކަކަށް ވަނީ ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައިކަމަށާއި، ހާއްސަކޮށް ބަލިމީހާ ބެލެހެއްޓުމަށް އާއިލާގެ މެންބަރަކު ގޭގައި މަޑުކުރަން ޖެހުމުން، އާމްދަނީ ހޯދުމަށް މަސައްކަތްކުރާނެ ވަގުތު ނުލިބި އާންމު ކެޓަގަރީތަކުން ވާދަކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ގެއްލޭކަމަށެވެ.
މައިމުޅަވުމަކީ އަންހެން ދަރީގެ ދަރީންނަށް ކާފަ ނުވަތަ މާމަގެ މުދާ ނުލިބޭގޮތް ވުމެވެ. މިގޮތަށް ދިމާވަނީ މަންމަ ނުވަތަ ބައްޕަ ދުނިޔޭގައި ހުއްޓާ އަންހެން ދަރިފުޅު މަރުވާއިރު އޭނާގެ ދަރިން ތިބުމުންނެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މުޖުތަމައުގެ އެކި ފަށަލަތަކަށް އަމާޒުކޮށްގެން ތަފާތު ކެޓަގަރީތައް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިންނަށާއި، ޒުވާނުންނަށް ހާއްސަ ކެޓަގަރީތައް ހިމެނެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިމާއި ފުލެޓު ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓާ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިން 1250 އަކަފޫޓުގެ ޖުމުލަ 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފުލެޓު ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓާ މާލޭ ސަރަހައްދުން 7900 ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހައުސިން މިނިސްޓްރީން ބުނީ ބިމަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ 15 ޖޫން 2026 ގެ 23:59 އަށް ކަމަށާއި، ފުލެޓަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ 15 ޖޫން 2026 ގެ 23:59 އާ ހަމައަށް ކަމަށެވެ.
