އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން ޝަމްއާން މަގާމުން ވަކިކޮށް އޭނާގެ މައްޗަށް ވަނީ ފޭރުމާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ. މި ތިން ދައުވާ ވެސް ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި ދައުވާތައް އޭނާގެ މައްޗަށް އުފުލާފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެ، އެ ފައިސާ ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިވާ ގޮތުގައި، ޝަމްއާން ވަނީ އޭނާގެ ރަސްމީ ހައިސިއްޔަތު ނުބައި ނިޔަތެއްގައި ބޭނުންކޮށް، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައެވެ.

ދައުވާތައް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެން، މިހާރު ކުރިއަށް ދަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާއެވެ. މި މަރުހަލާގައި ދައުލަތުން އެދިފައިވަނީ ޝަމްއާންގެ މައްޗަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. ދައުލަތުގެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް ހުކުމް އިއްވި އުސޫލުން، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ކުށްތަކަށް ބޮޑެތި އަދަބު ދިނުމަކީ މުހިންމު ކަމެކެވެ.

އަދަބު ކަނޑައެޅުމުގައި ދައުލަތުން އެދިފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ފޭރުމުގައި ބައިވެރިވިކަމުގެ ދައުވާގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ދައުލަތުން އެދިފައިވަނީ އެ އަދަބު 8 އަހަރުގެ ޖަލު ހުކުމަކަށް ބޮޑުކުރުމަށެވެ. މީގެ އިތުރުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް ކަމަށްވާއިރު، އެ ދައުވާއަށް 2 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް ވެސް ދައުލަތުން ވަނީ އެދިފައެވެ.

މަނީ ލޯންޑްރިންގެ ކުށުގެ އަދަބަކީ 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު ޖޫރިމަނާކުރުން ކަމަށްވާއިރު، ދައުލަތުން އެދިފައިވަނީ ޝަމްއާންގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 2 މިލިއަން ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށެވެ.

ދައުލަތުގެ މި ހުށަހެޅުންތަކާ ގުޅިގެން ޝަމްއާންގެ ދިފާއީ ވަކީލުން ވަނީ އޭނާއަށް އެންމެ ލުއި އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދިފައެވެ. ޝަމްއާންގެ ފަރާތުން އެދިފައިވަނީ ޖަލު ހުކުމެއްގެ ބަދަލުގައި ޖޫރިމަނާގެ އަދަބަކަށް ނުވަތަ ގޭބަންދުގެ އަދަބަކަށް ހުކުމް ބަދަލުކޮށްދިނުމަށެވެ.

ޝަމްއާން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނަވަނިކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި 2025 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މި މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ވަނީ 278 ދުވަސް ބަންދުގައި ހޭދަކޮށްފައެވެ.

އޭނާ ބަންދުން ދޫކޮށްލާފައިވަނީ ހެކިބަސް ނަގައި ނިމުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވެފައިވާތީ ދައުލަތުން އެދިގެން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ކަނޑައަޅާނެ ނިހާއީ އަދަބެއް ގާޒީ ނިންމަވާނީ ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހުގައެވެ.