ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ކުރައްވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެ މައްސަލައިގެ ތަފުސީލު އާންމުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ހޯދުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރުމާ ގުޅިގެންނެވެ. ހުކުމް އިއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި އަދި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ވަނީ، ބިދޭސީންނަށް ކޯޓާ ދޫކުރުމުގައާއި ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް ވަކި ބަޔަކަށް ދިނުމުގައި މިނިސްޓަރު އިހުސާން ކޮރަޕްޝަން ހިންގަވާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އޭނާ ހައްޔަރުކޮށް ދައުވާކުރީ އެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެންނެވުމުން، އޭނާ ފްރޭމްކޮށްގެން ކަމަށް ވެސް ޝަމްއާން ތުހުމަތުކުރެއްވިއެވެ.
އެކަމަށް ރައްދުދެއްވައި 'އެކްސް' ގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ޝަމްއާން ތަކުރާރުކޮށް ކުރަމުންދާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ކަމަށެވެ. އަދި ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން، އެ މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފުސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފައިވާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވެ އޭނާ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، އޭނާ ރައީސް މުއިއްޒަށް ނިސްބަތްކުރައްވައި ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފައެވެ. ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
