ރާއްޖޭގައި ބޭސް ލިބުން ދަތިވާ އެންމެ ބޮޑު ސަބަބަކީ، ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރަމުން އައި މިންވަރަށް ބޭހުގެ ސަޕްލައިޗެއިން ތަރައްގީފައި ނެތުން ކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ޑރ. ޝާހް ވިދާޅުވީ، ރައްޔިތުންނަށް ބޭސް ލިބުމުގައި ނިޒާމީ ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ އެޕްރީލް މަހުން ފެށިގެން އެ ކުންފުނިން އަންނަނީ އާންމުންގެ ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިހާތަނަށް 1000 އަށްވުރެ ގިނަ ބޭސް ސިޓީއަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ބޭސް ހޯދުމުގައި ހުރި މައިގަނޑު ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ޑރ. ޝާހް ފާހަގަކުރެއްވި ގޮތުގައި މުޅި ނިޒާމު ހަރުނާ ކުރުމަށްޓަކައި ގިނަ ގޮންޖެހުންތަކެއް ހައްލުކުރަން ޖެހެއެވެ. އޭގެ ތެރޭގައި ބޭސް އެތެރެކުރުމުގައި ހުރި ހުރަސްތަކާއި، ވަކި ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓައިގެން ގެންނަންޖެހޭ ބޭސްތައް ގެނައުމުގައި ހުރި ދަތިތައް ހައްލުކުރަން ޖެހެއެވެ. އަދި ރާއްޖެއިން ބޭރުން ހާއްސަ ބޭސްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާއި އިދާރާތަކުގެ މެދުގައި ބޭހުގެ ކޯޑުތައް އެއްހަމަ ނުވުމާއި، ތަފާތު ބްރޭންޑްތަކުގެ ބޭސް ހުރުމުގެ ސަބަބުން ބޭސް ސިޓީ ލިޔުމުގައި ދިމާވާ މައްސަލަތައް ޑރ.ޝާހް ވަނީ ފާހަގަކުރައްވާފައެވެ.
"ޕޭޝަންޓަކަށް ބޭސް ސިޓީ ލިޔާ ހިސާބުން ބޭސް ލިބެންޖެހޭނެ. އެހެންވީމަ އަޅުގަނޑުމެންގެ ދުރުރަސްތާ އަމާޒަކީ މަދު ކުއަންޓިޓީން ބޭނުންވާ ބޭސްވެސް ސްޓޮކް ކޮށްފައި ބެހެއްޓުން. މީގެ ދާއިމީ ހައްލަކީ ރާއްޖޭގައި ބޭނުން ކުރާ ހުރިހާ ބޭހެއްވެސް ޑިސްރަޕްޓްނުވާނެހެން ސްޓޮކް ކޮށްފައި ބެހެއްޓުން." ޑރ.ޝާހް ވިދާޅުވިއެވެ.
ދައުލަތުގެ ބޭސް ކުންފުނިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ރެޖިސްޓަރީ ކޮށްފައިވަނީ އެންމެ 25 އިންސައްތަ ބޭހެވެ. އެހެންކަމުން، އަމިއްލަ ފަރާތްތަކާ ގުޅިގެން ބޭހުގެ އަގުތައް ހިފެހެއްޓުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ޑރ.ޝާހް ވިދާޅުވިއެވެ. ޑރ. ޝާހް ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ބަދަލާއި ނަތީޖާ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.
