އީރާނުން ކުވައިތާއި ބަހްރެއިނަށް އަމާޒުކޮށް ފޮނުވާލި ހަތް މިސައިލެއް އެމެރިކާގެ އަސްކަރިއްޔާއިން ވައްޓާލައިފިއެވެ. މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅިއާ ދިމާއަށް އީރާނުން ފޮނުވާލި ޑްރޯންތަކެއް ވައްޓާލުމަށްފަހު، އެމެރިކާއިން ވަނީ އީރާނުގެ އައްސޭރިފަށުގައިވާ ރާޑަރު ސްޓޭޝަންތަކަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހާދިސާތަކާއެކު މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރަށް ގޯސްވެފައެވެ.

އެމެރިކާގެ އަސްކަރިއްޔާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން ފޮނުވާލި މިސައިލްތައް ވައްޓާލާފައިވަނީ އެ ސަރަހައްދުގައި ތިބޭ އެމެރިކާގެ ސިފައިންނެވެ. ބަހްރެއިނަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓް ގާއިމު ކޮށްފައިވާ ގައުމަށް ވާއިރު، ކުވައިތުގައިވެސް އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރި ވެއެވެ. މި ހަމަލާތަކާ ގުޅިގެން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ސަރަހައްދުގައިވާ "ދުޝްމަނުންގެ މަރުކަޒުތަކަށް" ހަމަލާދީފައިވާނެ ކަމަށެވެ. ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މި ހާދިސާގެ ކުރިން، އެމެރިކާގެ ސިފައިން ވަނީ ހޮރުމުޒް ކަނޑުއޮޅިއާ ދިމާއަށް އީރާނުން ފޮނުވާލި ހަތަރު ޑްރޯނެއް ވައްޓާލާފައެވެ. އެއަށްފަހު ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ދެކުނު އައްސޭރިފަށުގައި އޮންނަ ގޭޝްމް ޖަޒީރާއާއި ގޮރުކްގައި ގާއިމުކޮށްފައިވާ އީރާނުގެ ކޯސްޓަލް ސަވައިލަންސް ރާޑަރު ސައިޓުތަކަށް ހަމަލާދީފައެވެ.

ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ވަރަށް ބޮޑު ބައެއް ހުރަސްކުރާ މުހިންމު މަގެއް ކަމަށްވާއިރު، މި ސަރަހައްދުގައި ހިނގާ ކޮންމެ އަސްކަރީ ކުރިމަތިލުމެއްގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރުމުގެ ބިރު އޮވެއެވެ. އެމެރިކާއިން ބުނެފައިވަނީ ރާޑަރު ސްޓޭޝަންތަކަށް ހަމަލާދިނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އޮތް ނުރައްކާ ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

މެދުއިރުމަތީގެ މަސްރަހު މިހާ ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، ލުބުނާނުގެ ރައީސް މިޝޭލް އައުން ވަނީ އެމެރިކާއާއެކު އީރާނުން ކުރާ މަޝްވަރާތަކުގައި ލުބުނާނަކީ "ބާގޭނިން ޗިޕެއް" ނުވަތަ ފައިދާ ހޯދުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އީރާނުން ބޭނުންކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. މި ތުހުމަތުތަކަށް ރައްދުދެއްވަމުން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އެއީ ހަގީގަތެއް ކަމުގައިވާނަމަ، މާ ކުރިންވެސް އީރާނަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވުނީސް ކަމަށެވެ. އަދި ލުބުނާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް އީރާނުން ނުވަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަނެއްކޮޅުން، އިޒްރޭލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާއެއްގައި ލުބުނާނުގެ އަސްކަރިއްޔާގެ ދެ އޮފިސަރުންނާއި އިތުރު ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ މި ހަމަލާ ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަކީ ހިޒްބުﷲ ޖަމާއަތުގެ ބާރުގަދަ ސަރަހައްދުތަކަކަށް ވީނަމަވެސް، މި ހަމަލާ އަމާޒުވެފައިވަނީ ސީދާ ލުބުނާނުގެ ރަސްމީ އަސްކަރިއްޔާއަށެވެ. މިއީ އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް ލުބުނާނުގެ ރަސްމީ ފައުޖުތަކަށް ގެއްލުންވި ފުރަތަމަ ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ ފަހުގެ ތާރީހެއްގައި އެ ސަރަހައްދުގައި އުފެދުނު އެންމެ ނުރައްކާތެރި އަސްކަރީ ކުރިމަތިލުންތަކެވެ. އެއްކޮޅުން އިޒްރޭލާއި ހަމާސް އަދި ހިޒްބުﷲ އާ ދެމެދު ހަމަލާތައް ބަދަލުކުރެވެމުން ދާއިރު، އަނެއްކޮޅުން އެމެރިކާއާއި އީރާނާ ދެމެދު ސީދާ އަސްކަރީ ކުރިމަތިލުންތަކެއް މިވަނީ ފެށިފައެވެ. ހާއްސަކޮށް ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާތަކެއް ދިނުމަކީ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މި ހަމަލާތަކާ ގުޅިގެން ކުވައިތާއި ބަހްރެއިނުގެ ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.