އަންނަ ބުރާސްފަތި ދުވަހު އެމެރިކާގެ އިތުރުން ކެނެޑާ އަދި މެކްސިކޯގައި ފަށާ ވޯލްޑްކަޕް 2026 ގައި ބައިވެރިވާ 48 ގައުމުގެ ޓީމުތައް މި ތިން ގައުމުގައި ކޭމްޕްތައް ގާއިމުކުރަމުންދާ އިރު މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޖުމްލަ 72 މެޗު ކުޅޭނެއެވެ. މިއީ، ގްރޫޕް ސްޓޭޖްގައި އެންމެ ގިނަ މެޗު ކުޅޭނެ ފުރަތަމަ މުބާރާތަށް ވާނެ އިރު މުބާރާތުގެ ގްރޫޕް ޑީގައި ވެސް ވާދަވެރި ކުރިމަތިލުންތަކެއް އެބަހުއްޓެވެ. މިގޮތުން ގްރޫޕް ޑީގައި ކޯ-ހޯސްޓް އެމެރިކާގެ އިތުރުން ހިމެނެނީ ޕެރަގުއޭ، އޮސްޓްރޭލިޔާ އަދި ތުރުކީއެވެ.

އެމެރިކާ

އެމެރިކާގެ ކެޕްޓަން ކްރިސްޓިއަން ޕުލިސިކް/ފޮޓޯ: ގޫގަލް

ވޯލްޑްކަޕް 2026 އަކީ އެމެރިކާގައި މިމުބާރާތް އޮންނަ ދެވަނަ ފަހަރެވެ. މި ފަހަރު ހޯސްޓްކުރުމުގެ ޒިންމާ ކެނެޑާ އަދި މެކްސިކޯއާއެކު އެމެރިކާއިން ހިއްސާކުރި ނަމަވެސް 1994 ވަނަ އަހަރުގެ މުބާރާތް އޮތީ އެމެރިކާގައި އެކަންޏެވެ.

1994 ވަނަ އަހަރު އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރީމަތީގައި ކުޅުނު މުބާރާތުގެ ގަދަ 16 އަށް އެމެރިކާ ދިޔަ ނަމަވެސް އެޓީމު އެފަހަރު ކަޓައިގެން ދިޔައީ އެފަހަރުގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ އަތުން 1-0 ގެ ހަނި ނަތީޖާއަކުންނެވެ. އެމެރިކާގެ އަމާޒަކީ މިފަހަރުގެ މުބާރާތުގައި މިއަށްވުރެ ފޮނި ކާމިޔާބީއެއް ހޯދުމެވެ. މިއާއެކު ކޯޗު މަރީސިއޯ ޕޮޗެޓީނޯއަށް އައިސްފައިވާ ފިއްތުންތައް ވެސް ގިނައެވެ. އެހެން ނަމަވެސް، ހޯމް ނޭޝަންގެ ފައިދާ ނަގައިގެން މުބާރާތުގައި ކުރިއެރުން ހޯދުމަށް ޕޮޗެޓީނޯ ހުރީ ތައްޔާރަށެވެ. ހާއްސަކޮށް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިން ކަމަށްވާ ކްރިސްޓިއަން ޕުލިސިކް އަދި ވެސްޓަން މެކެނީ ފަދަ ކުޅުންތެރިންގެ ފުރިހަމަ ބޭނުންކޮށްގެން ނަތީޖާތައް ނެރުމަށް ޕޮޗެޓީނޯ މަސައްކަތް ކުރާނެއެވެ.

ޕެރަގުއޭ

ޕެރަގުއޭ ވޯލްޑްކަޕަކުން މިފެންނަނީ އެތަށް އަހަރެއް ފަހުން/ފޮޓޯ: ގޫގަލް

މިއީ 2010 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގެ މުބާރާތަކުން ޕެރަގުއޭ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އެފަހަރުގެ މުބާރާތުގެ ކުއާޓާއާ ހަމައަށް އެޓީމު ދަތުރުކުރި އިރު މީގެ ކުރިން 8 ވޯލްޑްކަޕަކުން ޕެރަގުއޭ ފެނިގެން ދިޔައެވެ.

ޕެރަގުއޭގެ ވޯލްޑްކަޕް ސްކޮޑަކީ ޒުވާން ސްކޮޑެކެވެ. މިގޮތުން އެޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އުމުރުން 23 އަހަރުގެ ޑިއޭގޯ ގޮމޭޒް އަދި އުމުރުން 22 އަހަރުގެ ހޫލިއޯ އެންސިސްކޯ އަކީ މިހާރު ވެސް ޔޫރަޕްގެ ލީގުތަކުގައި ކުޅެ ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިންނެވެ.

އިންގްލޭންޑްގެ ބްރައިޓަން އަށް ކުޅޭ ގޮމޭޒް ވަނީ މިސީޒަންގައި ކުޅުނު 36 މެޗުގައި 10 ލަނޑު ޖަހާފައެވެ. އަދި ޕެރަގުއޭގެ ޖާޒީގައި ފެނިގެން ދިޔަ 23 މެޗުގައި އޭނާ ވަނީ ގައުމީ ޓީމަށް 3 ގޯލު ޖަހާދީފައެވެ.

އެންސިސްކޯ ވެސް މީގެ ކުރިން ބްރައިޓަންއަށް ކުޅުނު ނަމަވެސް ނިމިދިޔަ ސީޒަންގައ ފްރާންސްގެ ލީގު އުންގެ ޓީމު ސްޓްރެޓްސްބާގްއާ ގުޅި އޭނާ ވަނީ 42 މެޗުގައި 12 ގޯލު ޖަހާ 9 އެސިސްޓް ޓީމަށް ހަދާ ދީފައެވެ.

އޮސްޓްރޭލިޔާ

އޮސްޓްރޭލިޔާގެ އަމާޒަކީ އަނެއްކާވެސް ގްރޫޕް ސްޓޭޖުން ކުއަލިފައިވުން/ފޮޓޯ: ގޫގަލް

މިއީ ވޯލްޑްކަޕް މުބާރާތަކުން އޮސްޓްރޭލިޔާ ޖެހިޖެހިގެން ފެންނަ 6 ވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު ދެ މުބާރާތެއްގައި އެޓީމު ވަނީ ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ގަދ 16 އާ ހަމައަށް ގޮސްފައެވެ. އެއީ 2006 ވަނަ އަހަރު ޖާމަނީގައި ބޭއްވި މުބާރާތާ 2022 ވަނަ އަހަރު އޮސްޓްރޭލިޔާގައި ބޭއްވި މުބާރާތުގައެވެ.

އޮސްޓްރޭލިޔާގެ ސްކޮޑަށް ބަލާ އިރު ކޯޗު ޓޯނީ ޕޮޕޮވިޗް ވޯލްޑްކަޕަށް ގެންދާ ސްކޯޑްގައި ތަޖުރިބާކާރު ކުޅުންތެރިންނާ ޒުވާން ކުޅުންތެރިން ހިމެނެއެވެ. މިގޮތުން އޮސްޓްރޭލިޔާގެ ކެޕްޓަން ޖެކްސަން އާވިން ވޯލްޑްކަޕަށް ފިޓްވުމަކީ ޕޮޕޮވިޗް އަށް ލިބުނު ހިތްވަރެކެވެ. 33 އަހަރުގެ މިޑްފީލްޑަރު ވަނީ އޮސްޓްރޭލިޔާގެ ގައުމީ ޓީމަށް 80 މެޗު ކުޅެދީ 14 ލަނޑު ޖަހާދީފައެވެ.

ޒުވާން ކުޅުންތެރިންނަށް ބަލާ އިރު ޓެންޒޭނިއާއަށް އުފަން ނެސްތަރޯއީ އިރަންކުންޑާއަކީ ހަލުވި އަދި ކުޅަދާނަ ފޯވަޑެކެވެ. މިގޮތުން ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 13 މެޗުގައި 5 ގޯލު އޭނާ ޖަހާ ދީފައިވާ އިރު އުމުރުން 20 އަހަރުގެ ޒުވާން ކުޅުންތެރިޔާއަށް ވޯލްޑްކަޕްގެ ފަހުން ބޮޑެތި ކްލަބްތަކުން އޮފާތައް އަންނާނެ ކަމަށް ބެލެވެއެވެ.

ތުރުކީ

ތުރުކީގައި އޮތީ ހުނަރުވެރި ސްކޯޑެއް/ފޮޓޯ: ގޫގަލް

މިއަހަރަކީ 26 އަހަރަށް ފަހު ވޯލްޑްކަޕްގެ މުބާރާތަކުން ތުރުކީ ފެންނަ ފުރަތަމަ ފަހަރެވެ. އެގައުމު ވޯލްޑްކަޕް މުބާރާތެއް އެންމެ ފަހުން ކުޅެފައިވަނީ 2002 ވަނަ އަހަރެވެ. ޖަޕާނާ ސައުތްކޮރެއާގައި ބޭއްވި އެފަހަރުގެ މުބާރާތުގެ ތިން ވަނަ ތުރުކީ ހޯދިއެވެ.

2023 ވަނަ އަހަރު އެގައުމުގެ ކޯޗު ކަމަށް އައްޔަނުކުރި އިޓަލީ އަށް ނިސްބަތްވާ ވިޗެންޒޯ މޮންޓެލާގެ ބެލުމުގެ ދަށުން ތުރުކީ ޔޫރޯ 2024ގެ ކުއާޓާއާ ހިސާބަށް ދަތުރުކުރިއެވެ. އެމުބާރާތުގައި ތުރުކީގެ ފަރާތުން ރީތި ކުޅުމެއް ފެނިގެން ދިޔަ އިރު ޓީމުގެ އެންމެ ކުޅަދާނަ މޭސްތިރިއަކީ މިހާރު ސްޕެއިންގެ ރިއާލް މެޑްރިޑްއަށް ކުޅޭ މިޑްފީލްޑަރު އާރްދާ ގުލޭއެވެ. މީގެ އިތުރުން އިޓަލީގެ ޔުވެންޓަސްގައި މުހިއްމު ދައުރެއް އަދާ ކުރާ ފޯވަޑް ކެނާން ޔިލްޑިޒް އަކީ ވެސް ޓީމުގައި އިސް ދައުރެއް އަދާ ކުރާ ކުޅުންތެރިއެކެވެ.