އެސްޓީއޯގެ ޝެޑް ރޭޓުގައި ގދ. ތިނަދޫއިން މަސްވެރި އުޅަނދުފަހަރަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި، މާދަމާއިން ފެށިގެން "ފަހި ހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ހުރިހާ މަސްދޯނިފަހަރަކަށް ސަބްސިޑައިޒް އަގުގައި ގދ. ތިނަދޫއިން ތެޔޮ ލިބޭނެއެވެ.

މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަޖައްސާފައި ވަނީ މިދިޔަ އޭޕްރީލް މަހުއެވެ.

އެގޮތުން ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭދަފުށި، ފ. ނިލަންދޫ، ކ. ހިންމަފުށި، ރ. ދުވާފަރު، ދ. ކުޑަހުވަދޫ، ޅ. ފެލިވަރު، ގއ. ކޫއްޑޫ، ފުވައްމުލަކު، ހުޅުމީދޫގެ އިތުރުން ހުޅުމާލެ ޖެޓީން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ވެއެވެ. އަދި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ދ. މީދޫއިން ވެސް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭން ފަށާފައި ވެއެވެ. މިއަދު ތިނަދޫގައި ފެށި މި ހިދުމަތާއެކު ޖުމްލަ 15 ރަށެއްގައި އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެއެވެ.

މީގެ ސަބަބުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ހަރަދުތައް ކުޑަވެ، މަސްވެރިންނަށް އިގްތިސާދީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި ލުޔަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ފިޔަވަޅެކެވެ.