މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ތަފްސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާކުރުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުހިންމު މަޝްރޫއެކެވެ. މި މަސައްކަތުގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ބަލައި، ތަރައްގީކުރާނެ ގޮތުގެ ތަފްސީލީ ޕްލޭންތައް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ.
ހައުސިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއާ ގުޅޭ ސަރަހައްދުތައް ސާވޭކުރުމާއި، ކަމާގުޅުންހުރި އިދާރާތަކާއެކު ބާއްވަންޖެހޭ ފަންނީ މަޝްވަރާ ބައްދަލުވުންތައް މިހާރު ވަނީ ފަށާފައެވެ. މި ދިރާސާތަކާއި ސާވޭގެ މަސައްކަތްތައް އަންނަ ޖުލައި މަހުގެ 4 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ހިނގާބިނގާވެ އުޅޭ މީހުންނާއި އުޅަނދުފަހަރަށް ފަސޭހަ، ރައްކާތެރި ޒަމާނީ މަގުތަކަކަށް މާލޭގެ މަގުތައް ބަދަލުކުރުމެވެ. މިއީ މާލޭގެ އުމްރާނީ ތަރައްގީއަށް މި ސަރުކާރުން ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ ވަރަށް ބޮޑު މަސައްކަތެކެވެ.
މި މަޝްރޫއު ނިމުމުން މާލެ އާއި ވިލިމާލޭގެ މަލަމައްޗަށް ބޮޑު ބަދަލެއް އައިސް، ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
