މާލޭގެ އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، ފުރަތަމަ ސެގްމަންޓުގެ ސަބްގްރޭޑް މަރާމާތުކުރުމުގެ 90 ޕަސެންޓް މަސައްކަތް މިއަދާ ހަމައަށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައެލޫމާތު ދޭ ގޮތުގައި މި ސެގްމަންޓުގެ ބާކީ ހުރި ސަބްގްރޭޑް މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ. އަދި އެއަށްފަހު ވަގުތުން އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޖޫން މަހުގެ 15 ވަނަ ދުވަހު ހަވާލުކޮށްފައިވާއިރު، ފުރަތަމަ ސެގްމަންޓުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމަށްފަހު، ސަބްބޭސްގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ. މީގެއިތުރުން، މި މަޝްރޫއުގެ ތެރެއިން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީގައި އޮންނަ ޕާކާ ހަމައަށް އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަށްފަހު، ދެން ފަށާނީ ސެގްމަންޓް 2 ގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދެވެ. މުޅި މަޝްރޫއުގެ ހުރިހާ މަސައްކަތެއް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެއިތުރުން، ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަހައްދުތަކުގެ ތެރެއިން ހަލާކުވެފައި ހުރި ބައިތައް މަރާމާތު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި އަމީނީ މަގުގެ މި ސަރަހައްދު މާ އަވަހަށް ހަލާކުވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ކުރިން ތާރު އެޅުމަށްފަހު އެ ތާރުގަނޑު ރަނގަޅަށް ނުހިކެނީސް ބަރު އުޅަނދުތަކަށާއި އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމެވެ. ވަކިން ހާއްސަކޮށް، އެ ސަރަހައްދަކީ ބޮޑެތި ބަސްތައް ދަތުރުކުރާ މަގަކަށް ވުމުން މަގު ހަލާކުވުމަށް އިތުރަށް މަގުފަހިވެގެން ދިޔައެވެ.

ނިމިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި، އެ މަސައްކަތް މުޅިން ނިންމާލާފައި ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.