އެސްޓީއޯގެ ޝެޑް ރޭޓުގައި ދ. މީދޫއިން މަސްވެރި އުޅަނދުފަހަރަށް ތެޔޮ ލިބޭނެ އިންތިޒާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހަމަޖައްސައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި، މާދަމާއިން ފެށިގެން "ފަހި ހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ހުރިހާ މަސްދޯނިފަހަރަކަށް ސަބްސިޑައިޒް އަގުގައި ދ. މީދޫއިން ތެޔޮ ލިބޭނެއެވެ.
މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަޖައްސާފައި ވަނީ މިދިޔަ އޭޕްރީލް މަހުއެވެ.
އެގޮތުން ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭދަފުށި، ފ. ނިލަންދޫ، ކ. ހިންމަފުށި، ރ. ދުވާފަރު، ދ. ކުޑަހުވަދޫ، ޅ. ފެލިވަރު، ގއ. ކޫއްޑޫ، ފުވައްމުލަކު، ހުޅުމީދޫގެ އިތުރުން ހުޅުމާލެ ޖެޓީން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ވެއެވެ. މިއަދު ދ. މީދޫގައި ފެށި މި ހިދުމަތާއެކު ޖުމްލަ 14 ރަށެއްގައި އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެއެވެ.
މީގެ ސަބަބުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ހަރަދުތައް ކުޑަވެ، މަސްވެރިންނަށް އިގްތިސާދީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި ލުޔަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ފިޔަވަޅެކެވެ.
މަސްވެރިންނަށް ހެޔޮ އަގުގައި މީދޫއިން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސިއިރު މިދިޔަ މެއި މަހު ވަނީ އެ ރަށުގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަނެއް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައެވެ. މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރަށްރަށުންވެސް ހެޔޮ އަގުގައި ތެޔޮ ނުލިބުމަކީ ރައްޔިތުންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަރުކާރުން ފަށަފައިވާ މި މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
