މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުހާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިއެވެ.

މިއަދު ހަވީރު ކަނޑުއޮތްގިރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހިކިމަސް ކާރުހާނާއާއި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އަނަސް އާއި، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ރަސްމިއްޔާތަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ވިދާޅުވީ މިއީ މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން ނުވަތަ ގައުމީ ބާޒާރަށް ހާއްސަކޮށް އުފައްދާ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މާލެއާ ކައިރިން މިފަދަ ހިދުމަތެއް ފެށުމުން މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

މި ކުރިއެރުމާއެކު، ކޫއްޑޫން އުފައްދާ ތަކެތި ދެކުނުގެ އަތޮޅުތަަކަށް ހާއްސަކުރެވި، މާލެ ސަރަހައްދުގެ ބާޒާރަށް އަމާޒުކޮށްގެން ކަނޑުއޮތްގިރިން ތަކެތި އުފެއްދޭނެ ކަމަށް އަނަސް ވިދާޅުވިއެވެ. އަދި ކަނޑުއޮތްގިރި ހިކިމަސް ކާރުހާނާގެ ސަބަބުން މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން އިތުރުކުރެވި، ރައްޔިތުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމަށް ވެސް ބާރަކަށް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ގާއިމްކުރި ހިކިމަސް ކާރުހާނާއާއި އައިސް ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މިފްކޯގެ ސީއީއޯ އަނަސް މީޑިއާއަށް އިންޓަވިއު ދެއްވަނީ

ކަނޑުއޮތްގިރި ހިކިމަސް ކާރުހާނާއަކީ ދުވާލަކަށް 3 ޓަނު ޕްރޮސެސްކުރެވޭ ކާރުހާނާއެކެވެ. އަދި މި އައިސް ޕްލާންޓުން ދުވާލަކަށް 25 ޓަނު އައިސް އުފެއްދޭނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.

ކަނޑުއޮތްގިރީގައި މިއަދު ހުޅުވި ހިކިމަސް ކާރުހާނާގައި މިއަދުން ފެށިގެން ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް މި ކާރުހާނާގައި ތައްޔާރުކުރަން ފަށާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މަސް ކައްކާ ހިއްކުމުގެ އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކޮށްފައިވާ މި ކާރުހާނާ ހުޅުވީ ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ހިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ނަގަންޖެހޭ ހުއްދަތައް ނަގައި، މިފްކޯގެ އެހެން އުފެއްދުންތަކެކޭ އެއްގޮތަށް ކޮލިޓީ ހިފެހެއްޓުމުގެ ހަރުދަނާ ފިޔަވަޅުތަކަކާ އެކުގައެވެ. މިއީ މިފްކޯގެ އޮޕަރޭޝަންތައް ޒަމާނީކުރުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިފްކޯއިން ބުނެއެވެ.

ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ގާއިމްކުރި ހިކިމަސް ކާރުހާނާއާއި އައިސް ޕްލާންޓް

ދައުލަތުގެ ބޭނުމަކަށް އެމްއެންޑީއެފުގެ ބެލެހެއްޓުމުގެ ދަށަށް ގެންދިއުމަށްފަހު ކަނޑުއޮތްގިރި އަނބުރާ މިފްކޯއާ ހަވާލުކުރެވި އަލުން އޮޕަރޭޝަނަށް ގެނެވުނީ މިއަހަރުގެ ކުރީކޮޅުގައެވެ. މިއަދު ހުޅުވި ހިކިމަސް ކާރުހާނާގެ އިތުރަށް ކަނޑުއޮތްގިރީގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް ނިމުމުން، މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި ވެސް ކަނޑުއޮތްގިރި ވެގެންދާނެއެވެ.