އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކި ދުވަސް މަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލީ އަފްލަހުގެ މައްޗަށް 6 ދައުވާއެއް އުފުލައިފިއެވެ.
އިންޑިއާގައި އުޅުމަށް ފަހު، ރާއްޖެ އައުމާ އެކު އަފްލަހު ހައްޔަރުކުރި ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް އޭރު ފުލުހުން ބުނެފައި ވެއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އޭނާގެ މައްޗަށް އުފުލި ދައުވާ ތަކަކީ:
- މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ 3 ދައުވާ
- އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ
- ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ
- އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
އޭނާ ހައްޔަރުކުރީ ވެސް އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރުމުން ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އިންޑިއާގެ މުމްބާއީގެ ފްލައިޓަކުން އެނބުރި ރާއްޖެ އައުމާ އެކުއެވެ.
މި ދައުވާތައް އުފުލާފައިވަނީ ޖިންސީ ކުށުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
