ބޮޑުއީދު ނުވަތަ ޢަޟްޙާ އީދުގެ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަންވާނީ އިސްލާމީ ސަގާފަތާއި ހިލާފުނުވާ ގޮތުގެ މަތިންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ، ޢަޟްޙާ އީދުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. މިނިސްޓަރުގެ ވާހަކައިގައި، ޢަޟްޙާ އީދަކީ މުޅި އިސްލާމީ އުންމަތަށް މާތްﷲ ދަރުމަކުރެއްވި މަތިވެރި އީދެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިފައިވާ އީދެއްކަމަށާއި، ހައްޖުގެ އަޅުކަން މުޅިން ނުނިމެނީސް މަޝާއިރުތަކުގައި ހައްޖުވެރިން ތަލްބިޔާ ކިޔައި ﷲ އެއްކައުވަންތަކޮށް، އެކަލާނގެ ޝިއާރުތައް މަތިވެރިކުރަމުންދާކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.

"ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ އީދެއްގެ މަތިވެރިކަން ދަމަހައްޓައި އިސްލާމީ އަޚުލާގާއި ރިވެތި އުސޫލުތަކަށް ރައްކާތެރިވާންވާނެ."
ޝަހީމް

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، މުޅި އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ފަސް ނަމާދުގެ ފަހުގައި ތަކުބީރުގެ މަތިވެރި އަޑު އިވެމުންދާ ހިނދު، މުސްލިމުން އީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަގާފަތާ ބީރައްޓެހި ނުވާނެ ގޮތަކަށް ކަމަށެވެ. ޚާއްޞަކޮށް އީދުގެ އުފަލުގައި ބައިވެރިވެ ކުޅިވަރުތައް ކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި، އިސްލާމީ އީދެއްގެ މަތިވެރިކަން ދަމަހައްޓަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް އީދުގެ ކުރިންވެސް މިފަދަ ނަސޭހަތްތައް ދެއްވާފައިވާއިރު، މިއަހަރުގެ އީދު ހުތުބާގައިވެސް ވަނީ އީދު ފާހަގަކުރާއިރު ސަމާލުކަން ދޭންޖެހޭ ދީނީ އަދި އަހުލާގީ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. ހާއްސަކޮށް، އުފާ ފާޅުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކަކީ އިސްލާމީ ޝަރީއަތް ހުއްދަކުރާ، އަދި އުންމަތުގެ މަތިވެރިކަން ދަމަހައްޓައިދޭ ކަންކަމަށް ހެދުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.

ނަމަވެސް، ބައެއް ރަށްރަށުގައި ސަގާފީ ކުޅިވަރުގެ ނަމުގައި އިސްލާމީ ދީނާއި ރާއްޖޭގެ ސަގާފަތާ ބީރައްޓެހި "ހެލޮވީން" ކެރެކްޓާތައް ތަމްސީލުކުރުން ވަނީ ފެތުރެން ފަށާފައެވެ. މީގެ އިތުރުން، ބައެއް ކުޅިވަރުތަކުގެ ތެރެއިން މީހުންނަށް ފުރައްސާރަކުރުމާއި، އިސްލާމީ އަހުލާގާއި ނުގުޅޭ އަމަލުތައް ހިންގުން އާންމުވަމުންދާތީ، ދީނީ އިލްމުވެރިންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.