ލ. ގަމުގައި ކަރަންޓުގައި ޖެހިގެން މާލެ ގެނައި ކުޑަކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

އިއްޔެ ރޭ ލ. ގަމުގައި ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 14 އަހަރުގެ ކުއްޖަކަށެވެ. އެވކުއްޖާއަށް ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވަނީ އިއްޔެ ހެނދުނުއެވެ.

އެ ހާދިސާއާއި ގުޅިގެން އައިޖީއެމްއެޗްގެއިން މިއަދު ބުނީ އެ ކުއްޖާއަށް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.

މި ހާދިސާ ހިނގީ އެ ރަށުގައި އީދު ކުޅިވަރު ބޭއްވުމަށް ތަނަކަށް ކަރަންޓު ދިނުމަށް މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ.

ކުއްޖާއަށް ލިބުނު އަނިޔާތަކުގެ މައުލޫމާތެއް މިހާތަނަށް އެނގިފައި ނުވާއިރު ފުލުހުން މި ހާދިސާ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.