ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ލ. ގަމުގައި ކުރިއަށްދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގެ ތެރެއިން ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިފައިވާކަމުގެ މައުލޫމާތު ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ހެނދުނު 09:54 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މި މުބާރާތުގައި ބައިވެރިވުމަށް އައްޑޫ ސިޓީއިން ދިޔަ 20 އަހަރުގެ ދިވެހި ޒުވާނަކަށެވެ. ސައިކަލު ދުއްވަން އިން ޒުވާނާ މޫދަށް ވެއްޓުމާ ގުޅިގެން ލިބުނު އަނިޔާތަކަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އަދި ފަހުން އިތުރު ފަރުވާއަށް މާލެ އައިޖީއެމްއެޗް އަށް ގެނެސްފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން އޭނަގެ ބޮލަށާއި ފަޔަށްވަނީ އަނިޔާވެފައެވެ.

މި ހާދިސާގައި އަނިވި ޒުވާނާގެ ފައިގެ އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުން އަންނައިރު އާއިލާއިން ވަނީ އޯ ޕޮޒިޓިވް 3 ޑޯނާސް ހޯދުމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.