ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓުން ރައީސުލްޖުމްހޫރިއްޔާ ޑރ. މހައްމަދު މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލައި، އެމަނިކުފާނުގެ ނުފޫޒު ޕާޓީގެ ތެރޭގައި ކުޑަކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ދޮގުކުރައްވައިފިއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ 'އަދަދު' ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ. ޕީއެންސީގެ ސީނިއާ ބައެއް މެންބަރުންނާ ހަވާލާދީ އެ ނޫހުން ރިޕޯޓޫކޮށްފައި ވަނީ އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައި މުއިއްޒު ހުށަހެޅުއްވީ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށް ނަމަވެސް ސެނެޓުގެ އަގުލަބިއްޔަތުން މުއިއްޒުގެ މި ހުށަހެޅުއްވުމަށް ތާއީދު ލިބިފައިނުވާ ކަމަށެވެ.

އަދި ރައީސް މުއިއްޒުއާ ދެކޮޅަށް ޕާޓީގެ އެތެރޭގައި ފާޅުކަން ބޮޑު ގޮތެއްގައި އަދި އެއްވެސް ހަރަކާތެއް ނުފެނުނު ކަމުގައި ވިޔަސް، މެންބަރުންގެ މެދުގައި ބޮޑެތި ނުތަނަވަސްކަން އެބަހުރި ކަމަށް ބުނެ އެ ޕާޓީގެ މެންބަރުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވެއެވެ.

ނަމަވެސް އެވާހަކަތައް ދޮގު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެއްވެސް ހުށަހެޅުމެއް ހުށަހަޅުއްވާފައި ނުވާ ކަމަށާއި އަދި ފެތުރެމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

"ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ހިންގާ ޕާޓީއެއް. މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމާކަށް ރިޔާސަތުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށައެއް ނާޅުއްވާ،"
އަބްދުއްރަހީމް އަބްދުﷲ

މީގެ އިތުރުން، އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައިގެން މެންބަރުން ބައިބައި ނުކުރެވޭނެ ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެންބަރުންވެސް ތިބީ ރައީސް މުއިއްޒާއެކު ވަރަށް ސާބިތުކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީގެ އެތެރޭގައި ބައިބައިވުން އުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައި، ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެކަން ދޮގުކުރައްވައި، ރައީސް މުއިއްޒުގެ ލީޑާޝިޕަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުންނެވެ. އެގޮތުން އެ ޕާޓީގެ މެޖޯރިޓީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވެސް ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ.

ފަލާހް ވިދާޅުވި ގޮތުގައި ރައީސް ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕީއެންސީގެ ސެނެޓްގައި ނުވަތަ ޕާޓީގެ ލީޑާޝިޕް ތެރޭގައިވެސް ނުހިނގާނެއެވެ. އަދި ޕާޓީގެ ހުރިހާ މެންބަރުންނަކީވެސް ރައީސް މުއިއްޒުދެކެ ނުހަނު ލޯބިވާ، އެމަނިކުފާނަށް ފުރިހަމަ އިތުބާރު ކުރާ މެންބަރުންތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަލާހް އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒަކީ އަބަދުވެސް ޕާޓީގެ އަސާސީ ގަވާއިދާއި، ހެދިފައިވާ އުސޫލުތަކަށް އިހުތިރާމްކުރައްވައި، މަޝްވަރާގެ ރިވެތި އުސޫލު އިސްކުރައްވާ ބޭފުޅެކެވެ. އަދި ނިމިދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމުގައިވެސް، ވަކި ކަމެއް ވަކި ގޮތަކަށް ކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައި ނުވާ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރިއަށް ގެންގޮސްފައިވަނީ ސެނެޓް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމުމަށް ފުރުސަތު ދެއްވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި 'އަދަދު' ނޫހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވީ، މިއީ ބައެއް ފަރާތްތަކުން ފައިސާ ދީގެން، ނޫސްވެރިން ލައްވައި ހަދައިގެން ލިޔުއްވާ ބޮޑެތި އިތުރުފުޅުތަކެއް ކަމަށެވެ. އަދި މިކަމުން ސާފުވަނީ އެފަދަ ފަރާތްތަކުން ސަރުކާރާއި ޕާޓީ ބައިބައިކުރުމަށް ކުރަމުންދާ ނާކާމިޔާބު މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސް މުއިއްޒަކީ މި ރާއްޖޭގެ ފަހުގެ ތާރީހެއްގައި މުޅި ގައުމުގެ ރައްޔިތުންގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން ހަމައެކަނި ވެރިކަން ކުރައްވާ ރައީސް،"
މެޖޯރިޓީ ލީޑަރު، ފަލާހް

އެވާހަކަތައް ދިފާއުކޮށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައި ވަނީ ރައީސް ޑރ. މުއިއްޒު ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ޕާޓީގެ މަޝްވަރާ މަޖިލީހަށް ހުށަހަޅުއްވާފައި ނުވާ ކަމަށާއި އެފަދަ ހުށަހެޅުމެއް ހުށަހެޅުއްވި ނަމަ، މަޝްވަރާ މަޖިލީހުން އެކަމަކަށް ވަގުތުން ރުހުން ދޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށެވެ.

އަދި ޕާޓީގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ކޮންގްރެސް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ މި ދަނޑިވަޅުގައި، ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ކޮންގްރެސްގެ ހުރިހާ ކަމެއްވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ކުރިއަށް ގެންދިއުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒަކީ ގައުމު ހިންގެވުމުގައިވެސް މިހާތަނަށް އެންމެ ގިނައިން ރައްޔިތުންގެ މަޝްވަރާ ހޯއްދަވައިގެން ކަންކަން ކުރައްވާ ލީޑަރެވެ.

ހަމަ އެހެންމެ ޕާޓީގެ ތެރޭގައި ފިތުނަ އުފެއްދުމުގެ މަގްސަދުގައި ބައެއް މީޑިއާތަކުން ކުރަމުންދާ މިފަދަ "ނާތަހުޒީބު" އަމަލުތައް ހުއްޓާލުމަށް ޝުޖާއު ވަނީ ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ މަޝްވަރާ ކުރުމާ ދެކޮޅު ވިސްނުމުގެ ބަޔަކަށް އަބަދުވެސް ކަންކަން ފެންނާނީ އެންމެ ނުބައި ގޮތަށް ކަމަށެވެ.