ހައްޖުގެ ދުވަސްތަކުގައި މައްކާގެ ހޫނުމިން 47 ޑިގްރީއަށް އަރާނެކަމަށް ލަފާކޮށް ހައްޖާޖީން ސަމާލުވުމަށް ސައުދީގެ މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ހައްޖު ދުވަސްތަކާ ގުޅިގެން ސައުދީގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ދުވަސްވަރު މައްކާއަށް ވަރަށް ވައިގަދަކަން ފާހަގަކުރެވުނު ނަމަވެސް، ޖައްވުގެ ހޫނުކަމާއެކު، ވައިގަ ވެސް އެ ހޫނުކަން ވަނީ ވަރަށް ބޮޑަ ހިފާފައެވެ.
އެގޮތުން އެންމެ މަތީ ހޫނުމިން ހުންނާނީ 44 ޑިގްރީ ސެލްސިއަސް އާއި 47 ޑިގްރީ ސެލްސިއަސްއާ ދެމެދުގައިކަމަށް ސައުދީގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ދުވާލު އެންމެ ބޮޑަށް ހޫނުގަދަވަނީ ހެނދުނު 10އިން ފެށިގެން ހަވީރު 04:00އާއި ދެމެދުގައިކަން ފާހަގަކޮށް ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ މި ގަޑިތަކުގައި ބޭރަށް ނިކުތުން ވީހާވެސް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އިންސާނީ ޖަމާއަތް ކަމަށްވާ މާތްވެގެންވާ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ޓަކައި، އެތައް ސަތޭކަ ހާސް މުސްލިމުންނެއް މިހާރު ދަނީ ސައުދީ އަރަބިއްޔާގެ މައްކާގެ މުގައްދަސް ބިންތަކަށް ޖަމާވަމުންނެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ރަސްމީ ކަންތައްތައް ޒުލްހިއްޖާ މަހުގެ 8 ވަނަ ދުވަހު (25 މޭ)ގައި ފެށުމުގެ ކުރިން ސައުދީގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ހައްޖާޖީން މޫސުމަށް ތައްޔާރުވުމަށް އެދިފައެވެ.
ސައުދީގެ އޮފިޝަލަކާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ އެކުވެސް، މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީން ބޭރުން 1.5 މިލިއަނަށްވުރެ ގިނަ ހައްޖާޖީން ވަނީ އެ ގައުމަށް ގޮސްފައެވެ. އެގޮތުން ސައުދީ އަރޭބިއާގެ ހައްޖު ޕާސްޕޯޓް ފޯސަސްގެ ކޮމާންޑަރު ސޯލިހް އަލް މުރައްބާ ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރާއްޖޭން ބޭރުން އައިސްފައިވާ ހައްޖާޖީންގެ ޖުމްލަ އަދަދު 1،518،153 އަށް އަރާ ކަމަށް ވިދާޅުވެފައެވެ.
