ދިވެހިރާއްޖޭގެ ކަނޑުގެ އަޑީގައި ހުރި ހޮހަޅައެއްގެ ތެރޭގައި ތާށިވެ، އިޓަލީގެ ފަސް ފީނުންތެރިން މަރުވި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައިވާ ކަމަށް އެ ހަށިތައް ނެގުމުގައި ހަރަކާތްތެރިވި ފިންލޭންޑުގެ ތަޖުރިބާކާރު ޑޭން ޔޫރަޕްގެ ފީނުންތެރިން ބުނެފިއެވެ.
ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ފޭބި އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ. މި ފަސް ފަތުރުވެރިން ގެއްލިގެން ހޯދަމުންދަނިކޮށް، ފުރަތަމަ ހަށިގަނޑު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިންނެވެ.
ފުރަތަމަ ހަށިގަނޑު ފެނުމާއެކު ބާކީ 4 ފަތުރުވެރިން ހޯދުމަށް ފެށި ހާއްސަ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މި އޮޕަރޭޝަން މެދުކަނޑައިލުމަށްފަހު، މި މަހުގެ 18 ވަނަ ދުަވހު މި މަސައްކަތް އަލުން ފެށީ، އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާ އެކުގައެވެ.
އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޑައިވަރުންނާ ހަވާލާދީ ބޭރުގެ ރިޕޯޓުތަކުން ބުނި ގޮތުގައި، ތަޖުރިބާކާރު މި ފަސް ޑައިވަރުންނަށް މައްސަލަ ދިމާވީ ހޮހަޅައިގެ ތެރޭގައި އުފެދުނު "ސޭންޑް ވޯލް އިލިއުޝަން" ނުވަތަ ވެލީގެ ފާރެއް ކަމަށް ހީކޮށް އޮޅިގެންނެވެ. "ސޭންޑް ވޯލް އިލިއުޝަން" އަކީ ހޮހަޅައިގެ ތެރޭގައި ހުންނަ ވެލިތައް ހަލަބޮލިވެ، ފެނުގެ ތެރޭގައި ފެތުރިގެން ދިއުމުން ކުރިމަތީގައި ފާރެއް ހުރި ކަމަށް ލޮލަށް ސިފަވާ ސިފަވުމެކެވެ.
މަރޯނީ ލަފާކުރި ގޮތުގައި ނުކުމެވޭނެ މަގު ނުފެނި ހާސްކަމުގެ ތެރޭގައި ޑައިވަރުންނަށް އިތުރަށް އެތެރެއަށް ދެވި، ކޮޅުބެދިފައިވާ ތިންވަނަ ޗެމްބަރަށް ވަދެވުނީއެވެ. އަދި ޑައިވަރުން ބޭނުންކޮށްފައިވަނީ އާދައިގެ 12 ލިޓަރުގެ އޮކްސިޖަން ފުޅިއަކަށްވާއިރު 50 މީޓަރުގެ ފުންމިނެއްގައި އާންމުކޮށް ބޭނުންކުރާ 12 ލީޓަރުގެ ވައިފުޅިއެއް ބޭނުންކޮށްގެން ޑައިވަރުންނަށް ނޭވާލެވޭނީ މަދު މިނެޓުކޮޅަކަށެވެ.
ސަބަބަކީ އެ ފުންމިނުގައި ފެނުގެ ޕްރެޝަރު ހަ ގުނަ އިތުރުވުމުން، ކޮންމެ ނޭވާއަކާއެކު ހަށިގަނޑަށް އެތެރެވާ ވައިގެ މިންވަރު އެތައް ގުނައެއް އިތުރުވުމެވެ. އަދި ބިރުގަނެ ހާސްވާ ހާލަތްތަކުގައި ނޭވާލާ މިންވަރު އަވަސްވެ، ފުޅީގައި ހުންނަ ވައި އާދަޔާ ހިލާފަށް އަވަހަށް ހުސްވެއެވެ. މިއީ މި ހާދިސާގައި އެ މީހުންގެ ފުރާނަ ސަލާމަތް ނުކުރެވުނު އެންމެ ބޮޑު އެއް ސަބަބު ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
މި ހާދިސާ އިތުރަށް ތަހުގީގުކުރުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ޑައިވަރުން ބޭނުންކުރި ގޯޕްރޯ ކެމެރާތަކުގެ ފުޓޭޖުތަކާއި އެ މީހުންގެ ޑައިވިންގ ސާމާނުތައް ތަހުލީލުކުރަމުންނެވެ. މި ތަހުލީލުތަކުގެ އަލީގައި، ހޮހަޅައިގެ ތެރޭގައި އެ މީހުންނަށް ދިމާވި ކަންކަން ވަރަށް ސާފުކޮށް އެނގިގެންދާނެ ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ބުނެއެވެ. އިޓަލީގެ ނޫހެއް ކަމަށްވާ ލަ ރިޕަބްލިކާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާއަކީ ކޭވް ޑައިވިންގް ނުވަތަ ހޮހަޅަތަކަށް ފީނުމުގައި އަމަލުކުރަންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އިތުރަށް ސަމާލުވުމަށް ޑައިވަރުންނަށް ލިބުނު ވަރަށް ބޮޑު އިންޒާރެކެވެ.
ރާއްޖޭގައި ކޭވް ޑައިވިންގް އަކީ އާންމުކޮށް ކުރާ ކަމަކަށް ނުވި ނަމަވެސް، ބައެއް ފުން ސަރަހައްދުތަކުގައި ހުންނަ ހޮހަޅަތަކަށް ފީނުމުގައި ހާއްސަ ތަމްރީނާއި ސަލާމަތީ ފިޔަވަޅުތައް ބޭނުންވެއެވެ. މި ހާދިސާއާ ގުޅިގެން ޑައިވިންގް ކޮމިއުނިޓީއަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، ތަހުގީގު ޓީމުން މިހާރު މަސައްކަތްކުރަމުން ދަނީ ގޯޕްރޯ ވީޑިއޯތަކުގެ އެނަލިސިސް ނިންމައި، ހާދިސާގެ ފުރިހަމަ ރިޕޯޓެއް އެކުލަވާލުމަށެވެ.
ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ހާދިސާގައި މަރުވެފައި ވަނީ މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ޖިއަންލުކާ ބެނެޑެޓީ 44، އަދި ފެޑެރީކޯ ގުއަލްޓިއަރީ 31 އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ޑައިވަރުންނަކީ ރާއްޖޭގެ ސޮފްޓްކޮރަލްއާ ބެހޭ ދިރާސާއެއް ކުރުމަށް ހުއްދަ ނަގައިގެން އައި ބައެކެވެ. ނަމަވެސް ހުއްދަ ނެތް ދެ މީހަކު ޓީމުގައި ހިމެނޭ ކަމަށާއި، ހޮހަޅައަށް ވަންނަން އުޅޭކަން އަންގާފައި ނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާދިސާއާއި ގުޅިގެން ޑައިވަރުން އުޅުނު ސަފާރީ ކަމަށްވާ "ޑިއުކް އޮފް ޔޯކް" ގެ އޮޕަރޭޓިން ލައިސަންސް ހިފަހައްޓާ މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.
