ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް ފޯރުކޮށްދިނުމަށް ސަރުކާރުން އަލަށް އުފައްދާފައިވާ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ކުންފުންޏަށް ގިނަ އަދަދެއްގެ ފާމަސިސްޓުން ހޯދަން އިއުލާންކޮށްފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މާލޭގައި މަސައްކަތް ކުރުމަށްޓަކައި ފާމަސިސްޓުންނާ، ފާމަސިސްޓުންގެ އެސިސްޓެންޓުންގެ ގޮތުގައި ޖުމްލަ 19 މީހުން ބޭނުންވެ އެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 30 އެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ފާމަސީގެ ރޮނގުން ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ ހާސިލްކޮށްފައިވުން ހިމެނެއެވެ. އަދި އެ ދާއިރާއިން 1-4 އަހަރާ ދެމެދުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މި މަގާމަށް ކަނޑައަޅާފައިވާ މުސާރައަކީ -/12,000 ރުފިޔާ އާއި -/15,000 ރުފިޔާ އާ ދެމެދުގެ އަދަދެކެވެ.

ބޭސް ނުލިބޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭސް ހޯދުމުގެ ހުރިހާ މަސައްކަތްތަކެއް އާ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުވާނެއެވެ.

އާ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް ގައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ދަށުން ހިންގާ ހުރިހާ ފާމަސީތަކެއްވެސް މި ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.