ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރި ފަރާތަށް ފްލެޓަށް އެދި ހުށަހޭޅޭ ގޮތަށް ގެނައި ބަދަލާ އެއްގޮތަށް މިއަދުން ފެށިގެން ފޯމް ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅޭނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، މީގެ ކުރިން އާންމު ކެޓަގަރީތަކުގައި ކަނޑައަޅާފައިވާ މުއްދަތުތައް މި ފަރާތްތަކުގެ މައްޗަށް ނުހިނގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ ނުވަތަ މާލޭގައި ދިރިއުޅޭތާ މަދުވެގެން 1 އަހަރު ދުވަސް ވެފައިވުމުގެ ޝަރުތު، މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކަށް ވަނީ މުޅިން އުވާލާފައެވެ. މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުން ދޫކުރާ 7،900 ފްލެޓްގެ ތެރެއިން 100 ފްލެޓް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ކަނޑައަޅާފައެވެ. މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، ޒުވާނުންނަށް 250 ފްލެޓް، އަދި އެކަނިވެރި މައިންނާއި ބަފައިންނަށް 100 ފްލެޓް ވަނީ ކަނޑައަޅާފައެވެ.