އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް ބޭއްވި ފޯރިގަދަ އިންތިހާބު، އަށް ވަނަ ބުރަކަށް ދިއުމަށްފަހު އެމްޑީޕީގެ ކެންޑިޑޭޓް ޒައީމާ މުހައްމަދު ކާމިޔާބު ކުރައްވައިފިއެވެ.
މަހިބަދޫ އާ ކައުންސިލަށް ހޮވުނު 5 މެމްބަރުން މަގާމުގެ ހުވާ ކުރައްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ގާނޫނުގައިވާ ގޮތުން ކައުންސިލަރުން ހުވާކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ނައިބު ރައީސް އިންތިހާބު ކުރަންޖެހެއެވެ.
އެގޮތުން ނައިބު ރައީސްގެ މަގާމަށް 3 ބޭފުޅުން ވާދަކުރެއްވިއެވެ. އެއީ އެމްޑީޕީގެ ޒައީމާ މުހައްމަދުގެ އިތުރުން ޕީއެންސީގެ މުހައްމަދު މައުމޫން އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ބުންޔާމީން ހަސަނެވެ.
ވޯޓުގެ ފުރަތަމަ ބުރުގައި ޒައީމާ އަދި މައުމޫނަށް ލިބުނީ ކޮންމެ ބޭފުޅަކަށް 2 ވޯޓެވެ. ބުންޔާމީނަށް ލިބުނީ 1 ވޯޓެވެ. ފުރަތަމަ ބުރަށްފަހު ބޭއްވި ކޮންމެ ބުރެއްގައިވެސް ޒައީމާ އަދި މައުމޫންގެ ވޯޓު 2-2 އިން އެއްވަރުވެ، ބާތިލް 1 ވޯޓު ހިމެނެމުންދިޔައެވެ. ނައިބު ރައީސަކު ހޮވުމަށްޓަކައި ކައުންސިލްގެ ފުރަތަމަ ދުވަހު އެކަނިވެސް 6 ފަހަރަށް ޖަލްސާ ބާއްވައިގެން ވޯޓުލުން ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް ވޯޓު އެއްވަރުވުމުގެ ސަބަބުން ކައުންސިލްގެ ރަސްމީ މަސައްކަތްތައް ފެށޭގޮތް ވަނީ ނުވެފައެވެ.
އޭގެ ފަހުން ހޯމަ ދުވަހުގެ މެންދުރުވެސް ޖަލްސާއެއް ބޭއްވިއެވެ. ނައިބު ރައީސަކު ހޮވުނީ ހޯމަ ދުވަހުގެ ރޭ 9:00 ގައި ބޭއްވި މި އިންތިހާބުގެ 8 ވަނަ ޖަލްސާގައެވެ. މި ޖަލްސާގައި ޒައީމާ މުހައްމަދު ވަނީ 3 ވޯޓު ހޯއްދަވައިގެން މަގާމު ކާމިޔާބު ކުރައްވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ މައުމޫނަށް ލިބިވަޑައިގަތީ 2 ވޯޓެވެ.
