ސޯޝަލް މީޑިއާގައި ބޭނުންކުރާ މޮޅެތި ފިލްޓަރުތަކުގެ ސަބަބުން، މީހާގެ އަސްލު ސިފަ އޮޅުންބޮޅުންވެއެވެ. މިއީވެސް 'ސްކޭމެއް' ކަމުގައި ބުނާ މީހުން ވަރަށް ގިނައެވެ. އަދި ފިލްޓަރު ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކުގެ ސަބަބުން ގެއްލޭ މީހުން ހޯދަން ހުރަސްއެޅޭ މައްސަލަ ބޮޑުވެފައިވާއިރު ދާދިފަހުންވެސް ވަނީ މިފަދަ ހާދިސާއެއް ފެންމަތިވެފައެވެ.
މިދިޔަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު މެކްސިކޯ އިން ގެއްލިގެން ރިޕޯޓްކުރި އަންހެނެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. މެކްސިކޯގެ ދެކުނު އިރުމަތީ ސަރަހައްދަކުން ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 30 އަހަރުގެ ގްރެސިއާ ގުއަޑަލޫޕޭ މެންޑޯޒާ އޮރަންޓެސް ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ރަހީނުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު، ފުލުހުންނާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން ވަނީ އޭނާ ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. ގެއްލޭ އަންހެނުން ހޯދުމަށް މެކްސިކޯގައި ބޭނުންކުރާ "އަލްބާ ޕްރޮޓޮކޯލް" ކަމާބެހޭ ފަރާތްތަކުން އެކްޓިވޭޓް ކުރިއެވެ.
ފުލުހުން ވަނީ ގްރެސިއާ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފޮޓޯ ނަގައިގެން ޕޯސްޓަރުތައް ހަދައި، އޮންލައިންކޮށް އަދި އާންމުންގެ ތެރޭގައި ދައުރުކޮށްފައެވެ. ނަމަވެސް، އެ ފޮޓޯތަކަކީ "ހެވީ ފިލްޓަރު" ބޭނުންކޮށްގެން މޫނުގެ ކުލަޔާއި ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ފޮޓޯތަކެއް ކަމުން، މަގުމަތިންނާއި އާންމު ތަންތަނުން އޭނާ ދެނެގަންނަން މީހުންނަށް އިންތިހާއަށް އުނދަގޫވިއެވެ. އޭނާ ދަންނަ ގިނަ މީހުންނަށްވެސް އެ ފޮޓޯތަކުން އެއީ ކާކު ކަން ނޭގުނެވެ. ސޯޝަލް މީޑީއާގައި އޭނާ ބޭނުންކޮށްފައިވާ ފިލްޓަރުތަކުގެ ސަބަބުން އޭނާގެ މޫނުގެ ކުލައާއި، ބައްޓަމާ، ސައިޒަށްވެސް ވަނީ ބަދަލުވެފައެވެ.
ހަތަރު ދުވަހުގެ ބުރަ މަސައްކަތަށްފަހު، ހައިވޭއެއްގެ މަތިން ގްރެސިއާ ސަލާމަތްތެރިކަމާއެކު ފެނިފައިވީ ނަމަވެސް، ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ ފޮޓޯތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އޭނާ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވިކަމަށެވެ. އަދި މިއީ އޭނާގެ ފުރާނައަށްވެސް ނުރައްކާވާ ފަދަ ބިރުވެރި ހާދިސާއެއްކަން ފާހަގަކޮށްފައެވެ. ގްރެސިއާ ގެއްލެން މެދުވެރިވި ސަބަބުތައް ތަހުގީގުކުރަމުންދާއިރު، އޭނާ މިހާރު ހުރީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގައެވެ.
މި ހާދިސާ އާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެޑިޓްކޮށްފައިވާ އިންސްޓަގްރާމް ފޮޓޯތަކަށް ނުވަތަ އޭއައި ބޭނުންކޮށްގެން ރީތިކޮށްފައިވާ ސެލްފީތަކަށް ބަރޯސާވުމުން، ގެއްލޭ މީހުން ހޯދުމުގެ ތަހުގީގުތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށްފައެވެ. އަދި ކުއްލި ހާލަތްތަކުގައްޔާއި ރަސްމީ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި، ފިލްޓަރު ނުލާ ފަހުގެ 'ހަގީގީ' ފޮޓޯތައް ރައްކާކޮށްފައި ބެހެއްޓުމުގެ މުހިންމުކަމަށެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ. ބައެއް މީހުން މިއީ ސޯޝަލް މީޑިއާގެ ފިލްޓަރުތަކުގެ ސަބަބުން ހަގީގީ ދިރިއުޅުމުގައި ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއެއްގެ މިސާލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ގެއްލޭ މީހަކު ހޯދުމުގައި އާންމުންނަށް އެމީހާ ވަކިކުރަން އެނގުން މުހިންމުވާއިރު، ހަގީގީ ސިފައާ ނުގުޅޭ ފޮޓޯތަކުގެ ސަބަބުން ކުއްލި ހާލަތްތަކުގައި މީހުން ހޯދުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެއެވެ.
