އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް މާކެޓުގައި ދިވެހިރާއްޖޭގެ މަގްބޫލުކަން އިތުރުކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ޓަކައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އޮސްޓްރޭލިއާގެ ފާހަގަކޮށްލެވޭ ޓްރެވަލް އަދި ލައިފްސްޓައިލް ޕްލެޓްފޯމެއް ކަމަށްވާ "ލަގްޒަރީ އެސްކޭޕްސް" އާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 16 މެއި 2026 ވީ ހޮނިހިރު ދުވަހު މެލްބަންގައި ހުންނަ ލަގްޒަރީ އެސްކޭޕްސްގެ ހެޑްކުއާޓާާސްގައެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. އަދި ލަގްޒަރީ އެސްކޭޕްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޯ-ފައުންޑަރު އަދި ސީއީއޯ އެޑަމް ޝްވެބްއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ފަރާތް ގުޅިގެން އޮސްޓްރޭލިއާގެ މާކެޓަށް ހާއްސަކޮށްގެން ވިޔަފާރިވެރިންނާއި، ކޮންސިއުމަރުން، މީޑިއާ އަދި ރީޓެއިލް ދާއިރާއަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

އެގޮތުން ލަގްޒަރީ އެސްކޭޕްސް ޓީވީ މެދުވެރިކޮށް ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ހާއްސަ ފީޗާއެއް ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށާއި، ރާއްޖޭގެ ޕްރޮމޯޝަނަލް ކޮންޓެންޓާއި، ވީޑިއޯ އަދި ހާއްސަ ޓްރެވަލް އޮފާތައް ހިމެނޭ ރީޓެއިލް ކެމްޕޭންތަކާއި ރޯޑްޝޯތައް ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ޓްރެވަލް އެޖެންޓުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި ވެބިނާ އަދި ޕްރެޒެންޓޭޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، މި ހަފްތާގައި މެލްބަންއިން ރާއްޖެއަށް ފަށާ ފުރަތަމަ ސީދާ (ޑައިރެކްޓް) ފްލައިޓާއެކު، މީޑިއާގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖެ ތަޖުރިބާކޮށްލުމުގެ ހާއްސަ "ފެމިލިއަރައިޒޭޝަން" ދަތުރެއް ވެސް ހަމަޖެހިފައިވާކަމަށެވެ.

ލަގްޒަރީ އެސްކޭޕްސްގެ ސީއީއޯ އެޑަމް ޝްވެބް ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް އޮސްޓްރޭލިއާގެ ފަތުރުވެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް އޮންނަ މަންޒިލެއް ކަމަށާއި، މި ހަފްތާގައި މެލްބަންއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

އަދި ވިޒިޓް މޯލްޑިވްސްއާއެކު ރާއްޖޭގެ އެންމެ ފުރިހަމަ ތަޖުރިބާ އޮސްޓްރޭލިއާގެ މާކެޓަށް ދައްކާލުމަށް ކުންފުނިން އޮތީ ތައްޔާރަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ވިޒިޓް މޯލްޑިވްސްގެ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ، އޮސްޓްރޭލިއާއަކީ ރާއްޖެއަށް ނުހަނު މުހިންމު މާކެޓެއް ކަމަށާއި، މި ގުޅުމުގެ ސަބަބުން އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގައި ރާއްޖޭގެ އިޝްތިހާރުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި ހާއްސަކޮށް އޮސްޓްރޭލިއާގެ ފިނި މޫސުން ނުވަތަ ވިންޓާ ދިމާވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އޮފް-ޕީކް ނުވަތަ "ޝޯލްޑާ ސީޒަން" އާ ކަމަށްވުމުން، މި ކެމްޕޭނުގެ ސަބަބުން އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް އެއްވަރަކަށް ފަތުރުވެރިން ރާއްޖެއަށް އައުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ.